ޚަބަރު

20 އަހަރު ފަހުން ޖަރުމަނުވިލާތުގެ ސިފައިން އަފްޣާނިސްތާނުން ފައިބައިފި


20 އަހަރު ފަހުން ޖަރުމަނުވިލާތުގެ ސިފައިން އަފްޣާނިސްތާނުން ފައިބައިފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބާލާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯއިންވެސްވަނީ އެ ގޮތަށް ޢަމަލުކުރުމަށް ނިންމައިފައެވެ. އަފްޣާނިސްތާނުގައި ޖަރުމަންވިލާތުގެ ސިފައިން ޙަރަކާތްތެރިވެފައިވަނީ ނޭޓޯގެ ފައުޖުތަކުގެ ތެރޭގައެވެ.

ޖަރުމަނުވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޖަރުމަނުވިލާތުގެ އެންމެ ފަހު ސިފައިން އަފްޣާނިސްތާނުން ފޭބުމަކީ ތާރީޚީ ބާބެއްގެ ނިމުންކަމަށެވެ. އަފްޣާނިސްތާނުގައި ޖަރުމަނުވިލާތުގެ ފައުޖުތަކުން ހޭދަކުރި 20 އަހަރުގެ ތެރޭގައި އަސްކަރިއްޔާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ހަނގުރާމައިގެ މައިދާނުގައި އަސްކަރިއްޔާގެ ޤާބިލުކަން ދައްކުވައިދިންކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި އެމެރިކާގެ ސިފައިންނަށްފަހު އަފްޣާނިސްތާނުގައި އެންމެ ގިނައިން ޙަރަކާތްތެރިވެފައިވަނީ ޖަރުމަނުވިލާތުގެ ސިފައިންނެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި 150،000 ސިފައިން ޖަރުމަންވިލާތުންވަނީ އަފްޣާނިސްތާނަށް ފޮނުވާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ޖަރުމަނުވިލާތުގެ 59 ސިފައިން އަފްޣާނިސްތާނުގައި މަރުވެފައިވެއެވެ. އޭގެ ތެރެއިން 35 ސިފައިން މަރުވެފައިވަނީ ހަނގުރާމައިގެ މައިދާނުގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުވިލާތުގެ ސިފައިން އެންމެ ގިނައިން މަރުވެފައިވަނީ އަފްޣާނިސްތާނު ހަނގުރާމައިގައެވެ.