ވިޔަފާރި

ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލަނީ


ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމަށް ނިންމަވާފައިވާކަމަށާއި، އެހެންނަމަވެސް އެކަން ކުރާނީ ސައުތު އޭޝިޔާގެ ޤައުމުތަކުގެ ޙާލަތު އަދި އެއް ހަފްތާ ވަންދެން ބެލުމަށްފަހުގައިކަމަށެވެ.

"ސައުތު އޭޝިއާގެ ފަތުރުވެރިންނަށް އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައި މިވަނީ ޖުލައި 15 ވަނަ ދުވަހު، އެހެން ނަމަވެސް މިކަން އަޅުގަނޑުމެން ކުރާނީ ކުރިއަށް މިއޮތް ހަފްތާގައި ސައުތު އޭޝިއާގެ ކޯވިޑް -19ގެ ހާލަތަށް ބެލުމަށްފަހު، އެހެން ނަމަވެސް މިހާރަށް ނިންމާފައި މިވަނީ ރާއްޖޭގެ ބޯ÷ޑަރުތަށް ޖުލައި 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތަށް އެކީގައި ހުޅުވާލުމަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައިސް ޞާލިހު ވިދާޅުވީ ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން މިވަގުތު މަނާކޮށްފައި އޮތް ނަމަވެސް ކަރަންޓީންވާން ޖެހޭގޮތަށް އެ ޤައުމުތަކަށް ނިސްބަތްވާ ވޯކް ޕަރމިޓް ހޯލްޑަރުންނަށްވެސް ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަމަށެވެ.

ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމާއެކު ސަރުކާރުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވިޔަފާރިތައް ހުޅުވާލާ އިޤްތިޞާދު ހިނގައިގަތުމަށް ކުރެވެންހުރި ކަންކަން ކުރުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޯވިޑް ފެތުރިގެން ހިނގައިދާނެކަމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅުއްވަމުން ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމާފައިވާއިރު، ރާއްޖެއަށް އެޤައުމުތަކުން އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހުށަހަޅަންޖެހެއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުން އަލުން ހުޅުވާލިފަހުން މިއަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިއައީ އިންޑިއާއިންނެވެ.

އެހެން ނަމަވެސް ރާއްޖެއިން އެޤައުމުން އަންނަ ފަތުުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމާއެކު، ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި އަސަރުތަކެއް ވަނީކޮށްފައެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 52748 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މެއިމަހު ރާއްޖެއަށް ޒިޔާރަތްކުރި 64613 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 22 އިންސައްތަ ދަށް އަދަދެކެވެ.