ވިޔަފާރި

ހިންމަފުށްޓާއި ދިއްފުށީގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންމަފުށްޓާއި ދިއްފުށީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ.

ބީއެމްއެލުން ބުނީ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލެ ފިޔަވައި ކ. އަތޮޅުގެ 6 ރަށެއްގައި މިވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދެވިފައިވާކަމަށެވެ.

" މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މި ދެރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި އިގްތިޞާދަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލެ ފިޔަވައި ކ. އަތޮޅުގެ 6 ރަށެއްގައި މިވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދެވިފައި. އަދި މީގެ އިތުރުން މާފުށި އަދި ކާށިދޫގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުންވެސް މިދަނީ ހިދުމަތް ފޯރުކޮށްދެމުން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.