ޚަބަރު

"އެމްޕީއެލްއިން ދިން ބަހުގެ ޚިދުމަތް އެމްޓީސީސީއަށް، މުވައްޒަފުންނަށް ދެރަގޮތެއް ނުވާނެ"


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ދެމުން ގެންދާ ބަހުގެ ޚިދުމަތް އެމްޓީސީސީއަށް ބަދަލުވި ނަމަވެސް މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ނުދާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަަޙައްދުގެ ބަސް ދަތުރުގެ ޚިދުމަތް އެމްޓީސީސީއަށް ޙަވާލުކުރަން ނިންމާފައިވާއިރު ބަހުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެ ފުރަތަމަ ދުވަހު، އެ ކުންފުންޏާ އެމަސައްކަތް ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު މަޙްޖޫބް ވިދާޅުވީ ބަހުގެ ޚިދުމަތް އެމްޓީސީސީއަށް ބަދަލުވާއިރު މުވައްޒަފުންނާއި ބަސްތައްވެސް ބަދަލުވާނެކަމަށެވެ. އަދި މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް އުނިކަން ނާންނާނެ ގޮތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާ، އެމްޓީސީސީއަށް ބަދަލުވިޔަސް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް އެމްޕީއެލްއިން ދެމުން ގެންދާނެކަމަށެވެ. ބަހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަންފަޅި ބަހާލާފައި ވަނީ 3 ދަންފަޅިއަކަށެވެ. ކޮންމެ ދަންފަޅިއެއްގައި ބަސް ޑްރައިވަރުންނާ އެ މީހުންގެ އެޓެންޑުން ހިމެނެއެވެ. މަޙްޖޫބް ވިދާޅުވީ ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ބަހުގެ ޚިދުމަތް ކާމިޔާބުކަމާއެކު ދެވިއްޖެކަމަށެވެ.

"ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތަކީ އެމްޕީއެލްގެ މެންޑޭޓްގެ ތެރޭގައި ނުހިމެނޭ ކަމަކަށްވީނަމަވެސް ސަރުކާރުން އެ މަސައްކަތް ޙަވާލު ކުރުމުން 2016ވަނަ އަހަރު އައްޑުއާއި ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓް ފެށި. ފުރަތަމަ ޚިދުމަތް ފަށައިގަތީ 13 ބަހާއެކު. އެއީ އައްޑޫ ގައި 11 ބަސް އަދި ފުވައްމުލަކުގައި 2 ބަސް. އައްޑޫއާ ފުވައްމުލަކާ ދޭތެރޭގައި ފެރީގެ ޚިދުމަތްވެސް އެމްޕީއެލުން ދިން." މަޙްޖޫބް ވިދާޅުވިއެވެ.

އެމްޕީއެލްއއިން ފުރަތަމަ ބަހުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2017ވަނަ އހަރު ލ.އަތޮޅުގައެވެ. އަދި 2018 އަހަރު ސިނަމާލެ ބްރިޖްއާއެކު މާލެއާއި ހުޅުމާލޭގައިވެސް ބަހުގެ ޚިދުމަތް ފެށިއެވެ. މިގޮތުން 2018ވަނަ އަހަރުން ފެށިގެން ފުރަތަމަ 4 މަހު ހިލޭ ދަތުރުތައް ކުރިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ބަހުގެ ޚިދުމަތް ފުރަތަމަ ދޭން ފެށީ 4 ބަހުން ކަމަށެވެ. ނަމަވެސް މިހާރު ޖުމުލަ 22 ބަހުން ޚިދުމަތް ދެމުން އަންނައިރު އޭގެ ތެރޭގައި 8 ޑަބަލްޑެކް ބަަސް ހިމެނެއެވެ. އަދި 5 ސިޓީ ބަހުގެ އިތުރުން 5 ކޯޗު ބަސް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ އިތުރަށް އެމްޕީއެލްއިން އަންނަނީ ހުޅުލެއަށްވެސް ބަހުގެ ޚިދުމަތް އަންނަކަމަށެވެ.

އެމްޕީއެލްއިން ދެމުން އަންނަ ބަހުގެ ޚިދުމަތް ނިމުމަކާ ހަމަޔަށް އިއިރު މިހާތަނަށް 5 ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަހުގެ ޚިދުމަތް ހޯދާފައެވެ. ގިނަ އަދަދެއްގެ ބަޔަކަށް ބަހުގެ ޚިދުމަތް ދީފައިވާއިރު މިހާރު ވަނީ ބަސް ރޫޓްތައް އިތުރުކޮށް ބަސް އެޕެއް ތައާރަފްވެސް ކޮށްފައެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބަހުގެ ޚިދުމަށް ދިނުމަށް އެމްޓީސީސީއާ ޙަވާލު ކުރަން ވަނީ ނިންމާފައެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ މުއްދަތަކަށް އެމްޓީސީސީއާ ގުޅިގެން ބަހުގެ ހިދުމަތް ދޭނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެމުއްދަތު ހަމަވުމުން އެމްޓީސީސީގެ ދަށަށް ބަހުގެ ޚިދުމަތްތައް މުޅިން ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީން މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދޭން ނިންމާފައިވާއިރު ލ.އަތޮޅާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ބަހުގެ ޚިދުމަތްވެސް އެމް.ޓީ.ސީ.ސީގެ ދަށަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އަދި ފުރިހަމަ ބަހުގެ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.