ޚަބަރު

ރައީސީ ހިންގެވިކަމަށް ބުނާ ޖަރީމާތައް ތަޙްޤީޤުކުރުމަށް އދން ގޮވާލައިފި


އިރާނުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާއީމު ރައީސީ ހިންގަވާފައިވާކަމަށް ތުޙްމަތުކުރެވޭ ލާއިންސާނީ ޖަރީމާތައް މިނިވަންކަމާއެކު ތަޙްޤީޤުކުރުމަށް އދން ގޮވާލައިފިއެވެ.

އދން އީރާނަށް ކަނޑައަޅާފައިވާ އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ މަންދޫބު ޖަވައިދު ރަޙްމާނު ވިދާޅުވީ އޭނާގެ އިދާރާއިން ވަރަށް ގިނަ މަޢުލޫމާތުތަކާއި ބަޔާންތަކާއި ހެކިތައް އެއްކޮށްފައިވާކަމަށެވެ. އަދި އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލު ނުވަތަ އެނޫންވެސް އިދާރާއަކާ ގުޅިގެން މިނިވަން އަދި އިންސާފުވެރި ތަޙްޤީޤެއް ކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭނާވަނީ މިހާރުވެސް ބައެއް ހެކިތައް ނައްތާލުމަށް އީރާނުން މަސައްކަތްކުރާކަމަށް ވިދާޅުވެ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

އީރާނުގެ އުއްތަމަ ފަނޑިޔާރުކަންވެސް ކުރައްވާ ރައީސީގެ މައްޗަށް ކުރެވޭ ތުޙްމަތުތަކުގެ ސަބަބުން އެމެރިކާއިންވަނީ އޭނާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅައިފައެވެ. އޭނާގެ މައްޗަށް އެންމެ ބޮޑަށް ކުރެވޭ ތުޙްމަތަކީ 1988ވަނަ އަހަރުގެ ތެރޭގައި އީރާނުގެ ސިޔާސީ ކުށްވެރިން މެރުމުގައި ދަޢުލަތުގެ ފަރާތުން ބައިވެރިވުމެވެ. އެ ގޮތުން އޭނާއަކީ އީރާނުގެ 5،000އަށްވުރެ ގިނަ ސިޔާސީ ކުށްވެރިން މެރުމަށް ޙުކުމުކުރުމުގައި ބައިވެރިވެވަޑައިގެންނެވި ހަތަރު ފަނޑިޔާރުންގެ ތެރެއިން އެކަކެވެ. ނަމަވެސް ރައީސީވަނީ އޭނާ އަބަދުވެސް ޢަމަލުކުރައްވަނީ އިންސާފުވެރިކޮށްކަމަށާއި ޤާނޫނުގެ ޙުދޫދުގެ ތެރެއިންކަމަށް ވިދާޅުވެފައެވެ. އެތައް ހާސް ސިޔާސީ ކުށްވެރިން މެރިކަމަށް އީރާނުން މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.

އީރާނުގެ 8ވަނަ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ރައީސީ މަޤާމުގެ ހުވައި ކުރެއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 3ވަނަ ދުވަހުއެވެ.