ޚަބަރު

ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ލިބޭނެ- ސަރުކާރު


ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީވެގެން އަންނަ އިރު ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް މާލެ ސަރަހައްދުން ފްލެޓް ނުވަތަ ބިން ދިނުމާމެދު މަޝްވަރާ ކުރައްވަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ހައުސިމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒް ވިދާޅުވީ، ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކުން މާޔޫސްވާން ނުޖެހޭނެ ކަމަށާއި، މިހާރު މަޝްވަރާ ކުރަމުންދަނީ، ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާފައިވަނީ ކިހާވަރެއްގެ ފްލެޓަކަށްތޯ ބަލައި، އެކަށީގެންވާ ގޮތަކަށް ބަދަލު ދިނުމަށް ކަމަށެވެ.ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާ، ފްލެޓް ލިބުމުގެ އެކި މަރުހަލާ ތަކުގައި 216 ފަރާތެއްވެއެވެ. އަދި އެތަނުގައި ނިމިފައިވާ 24 އެޕާރޓްމެންޓްގެ ތަޅުދަނޑިވެސް 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި، އެ އެޕާރޓްމެންޓް ތަކުގެ ވެރިފާރާތްތަކާ ހަވާލުކޮށްފައިވެއެވެ.ސަރުކާރުގެ ވިސްނުން ހުރީ، ގުޅީފަޅު ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށްވުރެ ބޮޑަށް، އިންޑަސްޓްރިއަލް އޭރިއާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމަށް ފާއިޒް ވިދާޅުވިއެވެ. ގުޅީފަޅު ތަރައްގީ ކުރުމަށްޓަކައި ހަވާލުކޮށްފައިވަނީ، އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް، ޖީޕީޑީއާއެވެ. އެ ރަށް 35 އަހަރަށް އެ ކުންފުންޏަށް ދޫކޮށްފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގުޅިފަޅު އިންވެސްޓްމަންޓްސްއާ އެކު ވަނީ ކޮންސެޝަން އެގްރީމަންޓެއް ހަދާއިފައެވެ.