ވިޔަފާރި

އައިހެވެންގެ އެންމެ ފަހުގެ މަޝްވަރާތައް އަންނަ ހަފްތާގައި ފަށަނީ


އިހަވަން ދިއްޕޮޅުގައި ތަރައްގީކުރާ "އައިހެވެން" މަޝްރޫއުގެ އެންމެފަހުގެ މަޝްވަރާތައްކުރިއަށް ގެންގޮސް، ގޮތެއް ނިންމުމަށް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ކޯ-ޗެއަރ ޑރ މުހައްމަދު ޝައިނީއާއި އެސްއީޒެޑް ބޯޑުގެ ޗެއަރ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަންނަ ހަފްތާގައި ސައުދީއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.ޕިއެސްއެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި، އިވައިސީގެ ކޯ-ޗެއަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރ އަދި އެސްއީޒެޑް ބޯޑުގެ ޗެއާރ މުހައްމަދު ސައީދާއެކު އާދިއްތަ ދުވަހު ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ދަތުރުފުޅުގައި އައިހެވެން މަޝްރޫއާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިމޭނެ ކަމަށެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ، ސައުދީއާއެކު ކުރާ މަޝްވަރާތަކުގައި، ފުރަތަމަ ކުރާނެ މަސައްކަތާއި، މަޝްރޫއިން ހާސިލްކުރަން ބޭނުންވާ ކަންތަކާއި، ސައުދީ ސަރުކާރުން ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަދައްކައި ގޮތެއް ނިންމާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަޝްވަރާތަކަށްފަހު އައިހެވެންގެ މަސައްކަތް އަމަލީ ގޮތުން ފަށައިގަނެވޭނެ ދުވަހެއް އެނގިގެންދާނެ ކަމަށެވެ. ސަރުކާރުގެ އިގްތިސާދީ އެޖެންޑާގައި ހިމެނޭ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ގާނޫނުގެ ދަށުން ތަރައްގީ ކުރާ އައިހެވަން މަޝްރޫއުގައި ހިމެނެނީ މައިގަނޑު 6 ކަމެކެވެ. އެއީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓާއި ރިސޯޓު ތަރައްގީކުރުމެވެ.