ޚަބަރު

ދުނިޔޭގެ ޗެމްޕިއަންސް ސިއްސުވާލާ ސްވިޒަލޭންޑް ކުއާޓަރއަށް


ޔޫރޯގެ 2 ވަނަބުރުގައި ފްރާންސާއި ސްވިޒަލޭންޑް ބައްދަކުރި ފޯރިގަދަ މެޗުން ދުނިޔޭގެ ޗެމްޕިއަން ކަޓުވާލާ ކުއާޓަރ ފައިނަލުން ޖާގައެއް ސްވިޒަލޭންޑް ކަށަވަރުކޮށްފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 3-3 އެއްވަރުވެފައި އޮތް މެޗް ސިވިޒަލޭންޑް ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓް އައުޓުން 5-4 އިންނެވެ.

ހީކުރި ގޮތާއި ހިލާފަށް ދުނިޔޭގެ ޗެމްޕިއަން ސިއްސުވާލާ މެޗްގެ ފުރަތަމަ ލީޑް ނެގީވެސް ސްވިޒަލޭންޑުންނެވެ. މެޗްގެ 15 މިނެޓްގައި ސްޓީވަން ޒުބެއާއި އަރިމަތިން ނަގާދިން ޗާލު ހުރަސް ބޮލުން ގޯލްގެ ކަނަށް ފޮނުވާލައިގެން ސްވިޒަލޭންޑަށް ފުރަތަމަ ގޯލް ޖަހާދިނީ ސެފެރޮވިޗްއެވެ. މި ލަނޑާއެކު ފްރާންސުން މެޗްގެ ނަތިޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ޓީމުގެ ކުޅުން ބަދަލުކޮށްލާ ރަބިއޯ، ކީލިއަން އެމްބާޕޭ، އެންޓޮއިން ގްރީޒްމަން އަދި ކަރިމް ބެންޒެމާގެ ހަމަލާތައް ވަރުގަދަކުރިއެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވިއެވެ. ނަތިޖާއަކަަށްވީ މެޗްގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ފަހަތުގައި އޮވެ ފްރާންސް ނިންމާލަންޖެހުމެވެ.

ދެވަނަ ހާފްގައި ފްރާންސް ދަނޑަށް ނުކުތީ އެޓޭކިން އަށް ވިސްނައިގެން ބަދަލުތަކާއިއެކުއެވެ. އެހެންނަމަވެސް އޭގެ ބޭނުން ނުހިފިގެން އުޅެނިކޮށް ސްވިޒްލޭންޑަށް ލީޑް ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސްވިޒްލޭންޑްގެ ޒުބޭއާއަށް ފްރާންސްގެ ބެންޖަމިން ކުރި ފައުލަކުން ސްވިޒްލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ. ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ޕެނަލްޓީ، ފްރާންސްގެ ކެޕްޓަންވެސް ކުރަމުން އަންނަ ޓީމުގެ ކީޕަރު ހޫގޯ ލޮރިސް ދިފާޢުކޮށް ޕްރާންސަށް އުއްމީދު އައުކޮށްދިނެވެ.

މިއާއިއެކު ފްރާންސުން ވަނީ 3 މިނެޓްގެ ތެރޭގައި 2 ލަނޑު ޖަގާ މެޗްގެ ލީޑް ފުރަތަމަ ފަހަރަށް ނަގާފައެވެ. ފްރާންސަށް މި ދެ ގޯލްވެސް ޖަހާދިނީ ބެންޒީމާއެވެ. މެޗްގައި ފްރާންސުން ލީޑް ނެގުމާއެކު، އެޓީމުގެ މޮޅު ކުޅުން ފެނިގެންދިޔައެވެ. އަދި މެޗްގެ 73 ވަނަ މިނެޓްގައި އެޓީމުން އިތުރު ލަނޑެއް ޖަހާ ގޯލްގެ ތަފާތު ބޮޑުކޮށްލިއެވެ. ފްރާންސްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާއެވެ.

ފްރާންސުން 2 ލަނޑުގެ ލީޑެއް ނެގިނަމަވެސް ސްވިޒަލެންޑުން ކުރަމުން ދިިޔަ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. މެޗްގެ 81 ވަނަ މިނެޓްގައި ސްވިޒަލެންޑްގެ ސެފެރޮވިޗް ދެވަނަ ލަނޑެއް ޖަހާ މުބާރާތުގެ ކުއާޓަރއަށް ދިޔުމަށް ކުރި އުއްމީދު އައުކުރިއެވެ. ނަތީޖާއަކަށްވީ އޭގެ 2 މިނެޓް ފަހުން އަނެއްކާވެސް ލަނޑެއް ޖަހާ ވަރުގަދަ ފްރާންސާއި ހަމަހަމަކޮށްލުމެވެ.

މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އަނެއްކާވެސް ފްރާންސަށް ނަތިޖާ ބަދަލުކޮށްލަން ފުރުސަތު ލިބުނެވެ. އެހެންނަމަވެސް މި ބޯޅައިގެ ހުރަހަކަށްވީ ގޯލްގެ ދަނޑިއެވެ.

ފުރިހަމަ ވަގުތު ހަމަވުމުން މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ގަޑީގެ 15 މިނެޓްގެ ދެ ހާފުވެސް ނިންމާލީ އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި ކުރިން އޮތް ނަތީޖާގައެވެ. އެންމެފަހު ނަތިޖާއަށް ދާން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗްގައި ސްވިޒަލޭންޑުން ޖެހި 5 ޕެނަލްޓީވެސް އެޓީމުން ކާމިޔާބުކުރިއެވެ. ފްރާންސްގެ އެންމެ ފަހު ޕެނަލްޓީ ފޮނުވާލަން ލިބުނީ ޓީމުގައި މު ވަގުތު ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާ އެމްބާޕޭއަށެވެ. އެހެންނަމަވެސް އެނާގެ ޕެނަލްޓީވީ ބޭކާރެވެ. ސްވިޒަލެންޑް ކީޕަރު މި ޕެނަލްޓީ މަތަކޮށް ދުނިޔޭގެ ޗެމްޕިއަން މުބާރާތުން ކަޓުވާލާ ތާރީހުގެ ތެރެއަށް ވަދެގެންދިޔައީއެވެ. މިއީ 67 އަހަރުގެ ތެރޭގައި ސްވިޒަލޭންޑް ބޮޑު މުބާރާތެއްގެ ކުއާޓަރ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކުއާޓަރ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.