ސިޔާސީ

މާދަމާގެ މުޒާހަރާ ރޭގަނޑު 12 ޖަހާއިރަށް ނިންމަން އަންގައިފި


އެމްޑީޕީން މާދަމާ ބާއްވާ މުޒާހަރާ، ހެދިގޮޑުދޮށުން ބޭރަށް ނުދެވޭނެގޮތަށް ބަންދުކޮށް، މެންދަމު ބާރަޖެހުމުން މުޒާހަރާ ހުއްޓުވުމަށް ފުލުހުންނަށް އަންގާފައިވާނެކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.މިއަދު ހެނދުނު މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، 41 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ހިނގާ ބިނގާވެ އުޅުމާއި ނިދުމުގެ ޙައްޤު ލިބިދެވެންޖެހޭކަމަށެވެ. އަނެއްކޮޅުން ފުލުހުން ވަނީ، އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވާ މީހުންނާއި، އެއްވުން ކުރިޔަށްދާއިރު ރަށުތެރޭގައި ރައްކާތެރިކަން ޤާއިމްކޮށް އޮތުމުގެ މުހިއްމު ކަމާބެހޭގޮތުން އެމްޑީޕީއާ ބައްދަލުކޮށް ރޭ މަޝްވަރާކުރައްވާފައެވެ.މާދާމާ ބާއްވާ އެއްވުމަކީ ޞުލްޙަވެރި އެއްވުމެއް ކަމަށާއި ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް މި އެއްވުމުގެ ތެރޭގައި ކުރިޔަށް ނުގެންދާނެ ކަމުގެ ޔާޤީންކަން އެމްޑީޕީން ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.ރޭ ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު އިސްކަންދަރު ކޮށި ކުރިމަތީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމް.ޑީ.ޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ އެމް.ޑީ.ޕީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށާއި، އެކަމަށް އެމް.ޑީ.ޕީން މަރުޙަބާ ކިޔާކަމަށެވެ.