ވިޔަފާރި

އިތުރު 12 ރަށަކަށް ބީއެމްއެލްގެ އެޖެންޓުން


އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް ބީއެމްއެލް އިން ތަޢާރަފްކޮށްފިއެވެ.

މިއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

އަލަށް މިޚިދުމަތް ދޭން ފަށާފައިވަނީ، ހއ.މާރަންދޫ، ހދ.ކުމުންދޫ، ހދ.ނެއްލައިދޫ، ހދ.ފިނޭ، ށ.ނަރުދޫ، ށ.ފޭދޫ، ށ.މަރޮށި، ނ.ޅޮހި، ނ.މާޅެންދޫ، ރ.އިންނަމާދޫ، ބ.ފުޅަދޫ އަދި މ.ކޮޅުފުށީގައެވެ. މި ރަށްތަކުގައި ގާއިމްކުރި މިޚިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެއެވެ. އަދި މީގެ އިތުރުން ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާ ނެގޭނެކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށްޓަކައި ބީއެމްއެލްއިން ކޭޝް އެޖެންޓުންގެ ޚިދުމަތް ތަޢާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

މިއީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ޚިދުމަތް ދިނުމަށް ތަޢާރަފްކުރާ ޚިދުމަތެކެވެ. އެއްވެސް ފީއަކާ ނުލައި އެބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތާއި 60އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްއިން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރަށްރަށުގައި އިއުލާން ކޮށްފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.