ވިޔަފާރި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަނީ


މާފަރު އިންޓަރނޭޝަން އެއަރޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ މިމަސައްކަތަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމަށް އެކުންފުނިން ނިންމީ އެ އެއަރޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ އެއަރޕޯޓަކަށްވާއިރު، ޖެޓުތަކުގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކުރޫއިން އެއަރޕޯޓުގައި މަޑުކުރާނެ ތަނެއް ހަމަޖެއްސުން މުޙިއްމު ކަމަކަށްވާތީ ކަމަށެވެ. އަދި ފަތުރުވެރިންވެސް ފްލައިޓް ޑިލޭވުމުން އެއަރޕޯޓާއި ކައިރި ހިސާބެއްގައި މަޑުކުރެވޭނެ އިންތިޒާމް މި ހޮޓަލާއި އެކު ފަހިވެގެންދާނެކަންވެސް މުމްތާޒް ފާހަގަކުރެއްވިއެވެ.

މި ޓްރާންސިޓް ހޮޓާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 4 ތަރީގެ ހޮޓަލެއްގެ ފެންވަރަށެވެ. މުމްތާޒް ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ޓްރާންސިޓް ހޮޓެލްގެ މަސައްކަތް އިމާރަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑު ކުރުމަށާއި، އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރުމަށްވެސްވަނީ ނިންމާފައެވެ.

2019 ވަނަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2200 މީޓަރެވެ.