ޚަބަރު

ފެހެންދޫ ބަނދަރަށް އަރާ ފޭބުމަށް ހަދާ ބްރިޖް ސްލެބްގެ މަސައްކަތް ފަށައިފި


ބ.ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސްރޫއުގެ ދަށުން ތަރައްޤީކުރާ ބްރިޖަށް އަރާ ފޭބުމަށް ހަދާ ބްރިޖް ސްލެބް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކޮށް ނިމިފައިވާއިރު، އެބަނދަރަށް ވަދެ ނުކުމެ ހަދާ 25،000 ކިއުބިކް މީޓަރުގެ ނެރު ވަނީ ފުންކޮށް ނިމިފައެވެ. އަދި ބަނދަރު 214 މީޓަރުގެ މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށީގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ފެހެންދޫ ބަނދަރުގައި މިހާރު ނުފެށިއޮތް އޮތް އެންމެ ބޮޑު އެއް މަސައްކަތަކީ 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތައް ބޭނުންވާ ހިލަ މިހާރު އެރަށަށް ގެންގޮސްފައިވާއިރު، ހިލަ ޖެއްސުމުގެ މަސައްކަތް މިހާރު ހަދާ ބްރިޖްގެ މަސައްކަތް ނިމުމުން ފެށޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން މި ބަނދަރު ހިމެނޭ ސަރަހައްދުގައި އެއްގަމު ބައްތި ހަރުކުރުމާ ނެރު ބައްތި ހަރުކުކުރުމުގެ އިތުރުން އެސަރަހައްދުގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

އާބާދީ މަދު ފެހެންދޫ ރައްޔިތުން ޒަމާނުންސުރެ ދަތުރު ފަތުރު ކުރުމަށް އުފުލި ތަކުލީފް މި ބަނދަރާއެކު ނިމުމަކަށް އަންނާނެއެވެ. މި ބަނދަރު ހަދަމުންދަނީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ފެހެންދޫގެ ރީތި ގޮނޑުދޮށް ނުގެއްލޭނެހެންނެވެ. 300 އާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ފެހެންދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަރަށެކެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ މިރަށުން މި ވިޔަފާރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ބަނދަރެއް ނެތުމެވެ.

މިއަދާ ހަމައަށް ފަޅު ތެރެއިން ކުދިކުދި ޑިންގީތަކުގައި ދަތުރު ކުރަމުން އައި ފެހެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ސަރުކާރުން އެރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ބަނދަރެއްގެ ގޮތުގައި ފެހެންދޫ މީހުން ބޭނުން ކުރަމުން އައީ އެއްފަޅެއްތެރޭގައި އޮތް ގޮއިދޫ ބަނދަރެވެ.

ބ.އަތޮޅުގައި އޮތް އެންމެ ހިތްގައިމު އެއް ސަރަހައްދުގެ ގޮތުގައި އޮންނަ ފެހެންދޫ ހަދާ މި ބަނދަރާއެކު އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެރަށު ރައްޔިތުން ގަބޫލްކުރެއެވެ.