ޚަބަރު

ސީއެސްސީއަށް ޝަހީދު މުޙައްމަދު ޢައްޔަންކުރަން ފާސްކޮށްފި


ސިވިލް ސާރވިސް ކޮމިޝަންގެ
މެމްބަރުކަމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ވައިޖެހޭގެ ޝަހީދު މުޙައްމަދު
ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.



އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވުމަށް
ފެންނަކަމަށް ފާސްވީ 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.



ސިވިލް ސާރވިސް
ކޮމިޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް
ރައްޔިތުންގެ މަޖިލީހުން ހުޅުއްވާލެއްވި ފުރުޞަތުގައި އެމަޤާމަށް
ކުރިމަތިލައްވާފައި ވަނީވެސް ޝަހީދު މުޙައްމަދު އެކަންޏެވެ. މަޖިލީހުގެ ޤަވާޢިދު
ބުނާގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަންކުރެއްވުމުގައި ޤާބިލް
މީހެއްކަމުގައި ބައްލަވަނީ ހަތްދިހަ ފަހެއް އިންސައްތައަށް ވުރެ މަތިން މާކުސް
ލިބިވަޑައިގަތުމުންނެވެ. 

ސީއެސްސީގެ މެމްބަރުކަމަށް ޝަހީދު ޢައްޔަންކުރެއްވުމަށް
ނަންފުޅު ދިރާސާކުރެއްވި ކޮމިޓީން އަށްޑިހަ އަށެއް އިންސައްތަ މާކުސް އޭނާއަށް
ދެއްވާފައިވެއެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ ފަހެކެވެ.