ޚަބަރު

ހިޔާ ފްލެޓު ލިބުނު މީހުންގެ ޝަކުވާ: ފިނިޝިންގއަށް ލިބުނު މުއްދަތު ކުޑަ


ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ޖެހިއިރު ހިޔާ ފްލެޓުތައް ބަލަން ހުޅުވާލުމާއެކު ފްލެޓުތަކުގެ ވެރިން އެޗްޑީސީން ހާމަކުރި ތަރުތީބުން ހިޔާ ސަރަޙައްދަށް ވަނީ ދާން ފެށިއެވެ. އެތައް ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރު، ހިޔާ މަޝްރޫޢުން އެމީހަކަށް ލިބުނު ފްލެޓު ހަމަލޮލަށް ބަލާލަން ދިޔައީ ވަރަށް ވެސް އުއްމީދާއެކުއެވެ. ބައެއް މީހުން ދިޔައީ ދެމަފިރިން އެކުގައެވެ. އަނެއް ބަޔަކު ޢާއިލާގައި ތިބި ކުޑަކުދިންނާއި ދޮށީ ޢުމުރުގެ ބައެއް މީހުންވެސް ގޮވައިގެން ދިޔައީ އެމީހުންގެ މުސްތަޤުބަލަށްޓަކާ ހޯދަން އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ގެދޮރު ބަލާލުމަށެވެ. އެތެރެއަށް އެންމެންވެސް ދިޔައީ މުޅި ސަރަޙައްދުން ފެންނަ ބޮޑެތި ޓަވަރުތައް ހަމަލޮލަށް ފުރަތަމަ ފަހަރަށް ފެނިގެން އަޖައިބުވެ ތިބެގެންނެވެ.

އެތެރެއަށް ދިޔުމާއެކު ފެނިގެން ދިޔައީ އުއްމީދު ކުރި މަންޒަރެއް ނޫނެވެ. ފްލެޓު ބަލަން ތިބި މީހުންނާއި ފްލެޓު ބަލާލުމަށްފަހު ނުކުމެގެން އަންނަ މީހުންގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ. މި ފަރާތްތަކުން ޓީވީއަށް ވާހަކަދައްކަން ބޭނުން ނުވިނަމަވެސް އެފަރާތްތަކުގެ ޝުއޫރުވަނީ ޕީއެސްއެމްނިއުސްއާ ހިއްސާކޮށްފައެވެ.

އެޕާޓްމަންޓެއް ތެރޭގައި މިންއަޅަން ހުރި ދެބައި އުމުރުގެ ފިރިހެނަކާ ވާހަކަދައްކާލީމެވެ. ހީކުރިވަރަށްވުރެވެސް ބޮޑަށް މާޔޫސްކަމުގައި ހުރި އެމީހާއަށް ފްލެޓު ލިބުނީ ނުކުޅެދުންތެރިކަން ހުރި މީހުންގެ ކެޓަގަރީންނެވެ. ތަންކޮޅެއް ތިރި ފްލޯއަކުން ފްލެޓު ލިބުނު ނަމަވެސް ފްލެޓުގައި ކުރަންހުރި މަސައްކަތް ފެނި އެމީހާ ހުރީ ގޮތް ހުސްވެފައެވެ. އަދި ތިން މަސްތެރޭގައި އެތަން ނިންމާނެ ގޮތެއް ނުވިސްނޭކަމަށް އޭނާ ބުންޏެވެ.

"މިފްލެޓު ލިބުނު އެންމެން އެއްފަހަރާ މިމަސައްކަތްކުރަން ތަކެތި ގަންނަން ނިކުތީމަ އެކަން ކޮޅެއްގަ ނުޖެހޭނެ. އަދި މިފަދަ މަސައްކަތްކުރާ ކުންފުނިތަކަށްވެސް މިއީ މިދުވަސްވަރު ކުރެވޭނެކަމެއްކަމަކަށް ޤަބޫލެއް ނުކުރެވޭ. ހަމަ ގޮތް ހުސްވެފަ މިހިރީ. މިހާރު އުޅޭ ތަނަށް ކުލި ދައްކަމުން މިކަމަށް ޚަރަދުކުރުންވެސް މިއީ ބޮޑުކަމެއް." ކަންބޮވުންތައް ހިއްސާކުރަމުން އޭނާ ބުންޏެވެ.


ދިރިއުޅުމުގެ ފަހި މަންޒިލަކަށް އާދެވޭނެ ކަމުގެ އުއްމީދުގައި ހުރި އެމީހާގެ އުއްމީދުތައް ފުނޑުފުނޑުވެ ފްލެޓުވެފައިވަނީ އިތުރު ބޮލުގަ ރިހުމަކަށެވެ. ޕީއެސްއެމްއާއި ވާހަކަ ދައްކަމުން އޭނާ ދެން ދެއްކީ ތަނުގެ ޖާގައިގެ ވާހަކައެވެ.

"ކޮންމެ މީހަކުވެސް ފްލެޓު ހޯދަން ކުރިމަތިލަނީ ދިރިއުޅުމަށް އިތުރު ފަހިތަކެއް، ލުއިގޮތްތަކެއް ހޯދަން. އެކަމަކު މިތަނުގެ ކުލި ހުރިގޮތުން އެކަކަށް އަމިއްލަ ޢާއިލާ ގޮވައިގެން ތިބެވޭކަށް ނެތް. އަމިއްލަ އަނބިދަރިން ނޫން އިތުރު ބަޔަކު ޢާއިލާއިން ބައިތިއްބާނެ ޖާގައެއް މިތާކު ނެތް." ކަންބޮޑުވެފައި ހުރި އެމީހާ ކިޔާދިނެވެ.

ހިޔާ ފްލެޓުތަކުގެ ޖާގަ ކުޑަކަމާއި މިނޫންވެސް އެތަނުގެ އެތައް ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެމުން އައިނަމަވެސް އެތަންތަން ހަމަލޮލަށް ފެނުމުގެ ކުރިން އެއީ އެހާ ކުޑަ ތަނެއްކަމަށް ގިނަ މީހުން ހީއެއް ނުކުރެއެވެ. ޕީއެސްއެމްއާއި ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ފްލެޓު ލިބުނު ކަމުގެ އެއްވެސް އުފަލެއް ނެތްކަމަށެވެ.

"މިތަނެއް ނިމިފަ ހުރީއެއް ނޫން. އަދި ފްލެޓު ހޯދައިގެން އަހަރުމެން މިޖެހެނީ ފްލެޓުގަ ކުރަންހުރި މަސައްކަތް ކުރަން. މިއީ އެއްގޮތަކަށްވެސް އުއްމީދުކުރިގޮތެއް ނޫން." އޭނާ ބުންޏެވެ.

ފްލެޓު ލިބު އިތުރު މީހަކު ބުނީ ފްލެޓު ލިބުނީތީ ދިރިއުޅެން މާލޭގަ މިވަގުތު ޖެހިފައިވާތީ މިތަން ނަގަނީކަމަށެވެ. ނާއުއްމީދުވެފައިވާ އެތައް ބަޔަކު ފްލެޓު ބަލާލުމަށްފަހު ނިކުމެގެން ދިޔައީ އިތުރަށް ކުރަންހުރި މަސައްކަތް ފެނުމުން ބޮޑެތި ކަންބޮޑުވުންތަކާއެކުއެވެ.

ހިޔާ ފްލެޓުތަކުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ނުނިމި އެބަހުއްޓެވެ. އެގޮތުން ފްލެޓުގެ އެޕާޓްމަންޓަށް ވަންނަ ދޮރު ފިޔަވާ އިތުރު ދޮރެއް ނެތެވެ. ފާޚާނާއާއި ބަދިގެއާއި ކޮޓަރިތަކުގައިވެސް ކަރަންޓު ވަޔަރާއި ފެންހޮޅިތައް އަޅާފައެއް ނެތެވެ. މިއީ ދިރިއުޅުމަށް ބޭނުންވާނެ އެންމެ އަސާސީ ކަންކަމެވެ. އިމާރާތެއް ނިމިބަޔަކާ ޙަވާލުކުރާއިރު ނިމިފައި ހުންނަންޖެހޭ ކަންކަމެވެ. މިއިން ކަމެއް ހަމަނުވެ ތަނުގެ ޖާގައާއި ނުބައްދަލު ކުއްޔެއް ދައްކަންޖެހޭތީ ފްލެޓު ބަލަން ދިޔަމީހުންގެ ތެރެއިން އެތައް ބަޔަކު ފްލެޓު ދޫކޮށްލާ ވިސްނުން ހުރި ކަމަށްވެސް ބުނެފައިވެއެވެ.