ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް ބޭނުންވާ މިންވަރަށް ވެކްސިން ފޯރުނުދެވޭކަމަށާއި އެއީ ހިތާމަހުރި ކަމެއްކަމަށް ބުނެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން އަނެއްކާވެސް ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބުރިޔޭސުސް ވިދާޅުވީ ދުނިޔޭގެ މުއްސަނދި ޤައުމުތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދިނުމަށްފަހު މުޖުތަމަޢުތައް އަލުން ހުޅުވައިލަމުންދާކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިނުވާ ފުރާވަރުގެ ކުދިންނަށްވެސް އެ ޤައުމުތަކުގައި ވެކްސިން ދެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ފަޤީރު ޤައުމުތަކަށް ބޭނުންވާ މިންވަރަށް އަދިވެސް ވެކްސިން ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
އިތިޔޯޕިޔާއަށް ނިޞްބަތްވެވަޑައިގަންނަވާ ގެބުރިޔޭސުސް ވިދާޅުވީ ފާއިތުވި ހަފުތާގެ ތެރޭގައި އެފްރިކާ ބައްރުގައި ކޯވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިޞްބަތް 40 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. އިންޑިޔާގައި އެންމެ ފުރަތަމަ ފެތުރުނު ބަލީގެ އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާކަން ފާހަގަކުރައްވަމުން ގެބުރިޔޭސުސް ވިދާޅުވީ އޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާ ވަރަށް ބޮޑުކަމަށެވެ. އަދި ދުނިޔޭގެ ޙާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޅި ދުނިޔެ ނާކާމިޔާބުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ވެކްސިން ޙިއްޞާކުރުމަށް ދެކޮޅުހަދާ ޤައުމުތަކަށް ގެބުރިޔޭސުސްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވެކްސިން ފޯރުކޮށްދނިމުގައި ޤައުމުތަކުގެ މެދުގައި ހުރި ތަފާތުން ދައްކުވައިދެނީ ދުނިޔޭގައި އޮތް ބޭއިންސާފާއި ތަފާތުކުރުމުގެ ބޮޑުކަންކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ޑަބުލިޔުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުން 132 ޤައުމަކަށް މިހާތަނަށް ވެކްސިންގެ 90 މިލިޔަނަށްވުރެ ގިނަ ޑޯޒުވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް މީގެ މަސްތަކެއް ކުރިން އިންޑިޔާގެ ކޯވިޑް-19 ޙާލަތު ގޯސްވެ އެ ޤައުމުން ވެކްސިން ބޭރުކުރުން މެދުކަނޑައިލުމުން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ކޮވެކްސަށްވަނީ ދަތިތައް ކުރިމަތިވެފައެވެ. މި މަހުގެ ތެރޭގައި އެސްޓުރަޒެނެކާ ވެކްސިނާއި ސީރަމް އިންސްޓިޓިއުޓުގެ ވެކްސިންތަކާއި ޖޮންސަން އެންޑް ޖޮންސަން ވެކްސިންގެ އެންމެ ޑޯޒެއްވެސް ފޯރުކޮށް ނުދެވޭކަމަށް ކޮވެކްސުން ބުނެއެވެ.