އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް "އަހަންނަކީ ތިނަކުން
އެކެއް"ގެ ނަމުގައި ކެންޕެއިނެއް ލޯންޗްކޮށްފިއެވެ.
"އަހަންނަކީ ތިނަކުން އެކެއް"ގެ ނަމުގައި ކުރިއަށްގެންދާ
ކެންޕެއިނަކީ 16 ދުވަހުގެ ކެންޕެއިނެކެވެ.
ޖެންޑަރ މިނިސްޓްރީއާއި، ޑަބްލިއު އެޗް އޯ، ޔޫ.އެން.އެފް.ޕީ.އޭ އަދި
ޔޫ.އެން.ޑީ.ޕީ އާއި އަމިއްލަ ބައެއް ޖަމްޢިއްޔާ ޖަމާއަތްތައް ގުޅިގެން ހިންގާ މި
ކެމްޕެއިން އަންނަ މަހުގެ 10 ވަނަދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ. މިކެންޕެއިން ރަސްމީކޮށް ލޯންޗްކޮށްދެއްވީ
އެމް.އައި ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް އަލީ. ހެދިގޮނޑުދޮށުގައި ބޭއްވި މިރަސްމިއްޔާތުގައި
ބަންޑާރަ ނާއިބު މުޙައްމަދު އަނިލްއާއި، ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެވަޑައިގެންހުންނެވި،
ބަންޑާރަނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ އަންހެންނުންނަށް ކުރާ
އަނިޔާ ހުއްޓުވުމަށް އެކަމާ ބެހޭ ޤާނޫނުތައް މިހާރު އެކުލަވާލާފައިވާކަމަށެވެ.
އެހެންނަމަވެސް ޤާނޫނެއް އެކުލަވާލެވުމަކީ އެކަމަށް އޮތް ޙައްލެއް ނޫންކަމަށާއި،
މިކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވަންޖެހޭކަމަށެވެ. އަންހެނުން ބާރުވެރިކޮށް
އަންހެނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި،
ސަރުކާރުގެ މިވަޢުދުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުން
ހިމެނޭކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމް.އައި ކޮލެޖްގެ
ރެކްޓަރ ޑރ. އާމާލް ޢަލީ ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާއަށް ނޫނެކޭ ބުނަންވީ
ވަޤުތު ޖެހިއްޖެކަމަށެވެ. އަންހެނުންނަށް ކުރާ އަނިޔާއަކީ ހަމައެކަނި އެންމެ
މީހަކަށް ދެވޭ އަނިޔާއެއްނޫން ކަމަށާއި، އެއީ މުޅި މުޖުތަމައަށް ވެވޭ
ބޭއިންސާފެއްކަމަށް އާމާލް ޢަލީ ވިދާޅުވި ވިދާޅުވިއެވެ.
16 ދުވަހުގެ މިކެންޕެއިނަށް "އަހަންނަކީ ތިނަކުން އެކެއް"ގެ
ނަންދެވިފައިވަނީ ދުނިޔޭގެ އާބާދީގެ ކޮންމެ ތިން އަންހެނަކުން އެކަކީ އަނިޔާގެ
ޝިކާރަޔަކަށްވެފައިވާ އަންހެނެއްކަމަށް ދިރާސާތަކުން ދައްކާތީއެވެ. މިއަދު ވަނީ
މިކެންޕެއިން ފެށުމުގެ ގޮތުން މާލޭގައި ބައިސްކަލު ބުރެއްވެސް ބާއްވާފައެވެ. މި
ބައިސްކަލު ބުރުގައި 100އެއްހާ ބައިވެރިން ބައިވެރިވެފައިވާއިރު މިބުރުގެ
ބައިވެރިންވަނީ އަންހެނުންނަށް ކުރާ އަނިޔާއާދެކޮޅަށް ވާހަކަދައްކާފައެވެ.
މި 16 ދުވަހުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އާންމުން
ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވާކަމަށް ކެންޕެއިން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ.