ޚަބަރު

ހަދަމުންދާ ރަށްރަށުން 100އަށްވުރެ ގިނަ މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވް


ތަރައްޤީ ކުރަމުންދާ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ، ވޭތުވެދިޔަ 24ގަޑިއިރު ފެނުނު ކޭސްތަކުގެ އަދަދު 260އިން މައްޗަށް އަރައިފިއެވެ. މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އުޅެނީ 72944ގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ޕޮޒިޓިވްވެފައިވާ 266 މީހުންގެ ތެރެއިން، 112 މީހުންނަކީ ތަރައްޤީ ކުރަމުންދާ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. ދެން ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 41 މީހުންނާ، މީހުން ދިރިއުޅޭ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި 105މީހުންނާ، ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 8 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 72944އަށް އަރާފައެވެ.

ކޯވިޑްގެ ކޭސްތައް މިދިޔަ މަހު 24000ހާހުގަ ހުރުމަށްފަހު މިހާރު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފަ ތިބި މީހުންގެ އަދަދަކީ 4295އެވެ. ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 31 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 232 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 68429 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5264 ސާމްޕަލް ތަހުލީލުކުރުމަށް ވަނީ ނަގާފައެވެ.

ކޯވިޑް ބަލީގަ މިހާތަނަށް ރާއްޖެއިން 208 މީހަކުވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 190 ދިވެހިންނާއި 18 ބިދޭސީންނެވެ.