ޚަބަރު

މޮޒަންބީކުގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އެފްރިކާގެ ޤައުމުތަކުން ސިފައިން ފޮނުވަނީ


ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތާ ގުޅުން އޮންނަ ހަނގުރާމަވެރިންގެ ނުރައްކާތެރިކަން ބޮޑުވުމުން އެފްރިކާގެ ޤައުމުތަކުން މޮޒަންބީކަށް ސިފައިން ފޮނުވުމަށް ނިންމައިފިއެވެ.

2017ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މޮޒަންބީކުގެ ކާބޯ ޑެލްގާޑޯގައި އައިއެސްއާ ގުޅުން އޮންނަ ހަނގުރާމަވެރިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި އެއާއެކު ފާއިތުވި އަހަރުގެ ތެރޭގައި އެ ޤައުމުގައި ހިނގާފައިވާ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން ހަނގުރާމަވެރިން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ 800،000އަށްވުރެ ގިނަ މީހުންވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ހިޖުރަކޮށްފައެވެ. އެ މައްސަލަ ހައްލުކުރާނެ ގޮތަކާމެދު 16 ޤައުމު ހިމެނޭ ސަދަން އެފްރިކަން ޑިވެލޮޕުމަންޓު ކޮމިއުނިޓީ، އެސްއޭޑީސީން ފާއިތުވި ދުވަސްތަކުގައި ގިނަ މަޝްވަރާތަކެއްވަނީ ކޮށްފައެވެ. އެ ގޮތުން އެ ޖަމުޢިއްޔާއިންވަނީ ނިންމީ މޮޒަންބީކަށް ސިފައިން ފޮނުވުމަށެވެ.

އެސްއޭޑީސީން ބުނީ އެ ޤައުމަށް ސިފައިން ފޮނުވަނީ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަށްކަމަށެވެ. އަދި ސަރަޙައްދީ އަމާންކަން ޔަޤީންކޮށް ހަމަނުޖެހުންތައް ފެތުރުނަ ނުދިނުމަށް އެ ފައުޖުތަކުން މޮޒަންބީކުގައި ޙަރަކާތްތެރިވާނެކަމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. ނަމަވެސް މޮޒަންބީކަށް ފޮނުވަން ނިންމި ސިފައިންގެ ޢަދަދެއް އަދި ފޮނުވާނެ ތާރީޚެއް އެ ޖަމުޢިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ވިލާތުގެ އިއްތިޙާދުގެ ފަރާތުންވެސް މޮޒަންބީކަށް އަސްކަރީ ފައުޖެއް ފޮނުވުމަށް ދަނީ މަޝްވަރާކުރަމުންނެވެ. ޕޯޗުގަލްގެ ޚާރިޖީ ވަޒީރު އަގަސްޓޯ ސަންތޯސް ސިލްވާ ވިދާޅުވި ގޮތުގައި މޮޒަންބީކަށް ވިލާތުގެ އިއްތިޙާދުގެ އަސްކަރީ ފައުޖުތަށް ފޮނުވުމާ ގުޅޭގޮތުން އަންނަ މަހުގެ ތެރޭގައި ނިންމާނެއެވެ. އެ ގޮތުން އެ އިއްތިޙާދުން މޮޒަންބީކުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމުރީނުތައް ދޭނެއެވެ. މޮޒަންބީކުގެ ސިފައިން ތަމުރީނުކުރުމަށް ޕޯޗުގަލްގެ 60 ސިފައިން އެ ޤައުމުގައި މިހާރުވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.