ވިޔަފާރި

ކޯވިޑް ލޯން ސްކީމް - ކުދި ވިޔަފާރިތައް ސަލާމަތްކުރުމަށް ލިބުނު ބޮޑު އެހީއެއް


ކޯވިޑާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކާމިޔާބުކަން މިހާރު ރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ކުރިއަށްދާ މިންވަރަށް ބަލާލުމުން އެނގެއެވެ. ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ދިމާވެފައިވާ ދަތިތައް ދެނެގަނެ، ވިޔަފާރިތަކުގެ ހާލަތު ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން ވިޔަފާރިތަކަށް ޓެކްސްތައް ދެއްކުމުގައިވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދެމުންދާއިރު، މާލީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ ތަފާތު އެކި ލޯން ސްކީމްތައް ތައާރަފްކުރަމުންނެވެ.

ހުސްވި އަހަރުތެރޭވެސް ސަރުކާރުން ވަނީ ރަޙުނަކާ ނުލާ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ވިޔަފާރިތަކަށް ލޯން ދޫކޮށްފައެެެވެ. މި ލޯންތަކުގެ އެހީގައި ވިޔަފާރިތަކުން ވަނީ މުވައްޒަފުންގެ މުސާރަތައް ހަމަޖައްސައި، ކުންފުނީގެ ހުއްޓިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންގޮސްފައެވެ.

މި ލޯނު ލިބުނު ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި އިންޓަރނެޓާއި ކޭބަލް ޓީވީގެ ޙިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ސެޓްލިންކް ޕްރައިވެޓް ލިމިޑެޓް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކުންފުނީގެ ޗީފް އެކައުންޓަންޓް މަރިޔަމް ސުދުމާ ވިދާޅުވީ ، ކޯވިޑާއި ގުޅިގެން ރާއްޖެ ލޮކްޑައުންއަކަށް ދިޔައިރު ކުންފުނިން ނުވަ ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އަދި ރިސޯޓްތައް ބަންދުކުރުމާއި ގުޅިގެން، ކަސްޓަމަރުންގެ އާމްދަނީ ދަށްވެ، ގިނަ އަދަދެއްގެ ކަސްޓަމަރުން ކޭބަލް އަދި އިންޓަރނެޓް ޕެކޭޖްތައް، އަގު ހެޔޮ ޕެކޭޖްތަކަށް ބަދަލުކުރިކަމަށާއި މިއާ އެކު ކުންފުންޏަށް ލިބެމުން ދިޔަ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން ސުދުމާ ފާހަގަކުރެއްވިއެވެ.

ސުދުމާ ވިދާޅުވީ މަޝްރޫޢުތައްވެސް ކުރިއަށްގެންދިޔުމަށް ދަތިވުމުން، ލޯންއެއް ނެގުމަށް ކުންފުނިން ނިންމިކަމަށެވެ. އަދި ލޯނުގެ ސަބަބުން އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ސުދުމާ އުފާލާއެކު ފާހަގަކުރެއްވިއެވެ.

"6 ޕަސަންޓް އިންޓްރެސްޓް ރޭޓެއްވީމަ ވަރަށް ފީސަބަލް، ލޯންގެ އެހީއާއި އެކު އެ 9 ޕްރޮޖެކްޓް ކޮމްޕްލީޓްކުރެވުނު، އަދި އޭގެ އިތުރުން 15 ރަށެއްގައި މިހާރުވެސް ޕްރޮޖެކްޓް އެބަ ކުރިއަށް ގެންދަން، އަދި ކަސްޓަމަރުންނަށް ޑިސްކައުންޓަޑް ރޭޓެއްގައި ޙިދުމަތް ދިނުމަށް މަގުފަހިވީ މި ލޯންގެ ސަބަބުން، ޕްރޮޖެކްޓްސްތަކުގައި ބޮޑަށް އިންވޯލްކުރަނީ ލޯކަލްސް، އެހެންވީމަ އިކޮނޮމީ ތެރޭގައި އެރަށެއްގެ އާބާދީ ތެރޭގައި އެ ފައިސާ ދައުރުވާނެ،" ސުދުމާ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން އެ ކުންފުނީގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާކަން ސުދުމާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ދެއްވި ލޯނުގެ އެހީގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މަހުން މަހަށް މުސާރަ ދިނުމުގައި ފަސޭހަވެގެން ދިޔަކަންވެސް ސުދުމާ ފާހަގަކުރެއްވިއެވެ.

ކޯވިޑާއި ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އެއް ސިނާއަތަކީ ކޮންސްޓްރަކްޝަން ސިނާއަތެވެ. ލޮކްޑައުންގެ މުއްދަތުގައި ޕްރޮޖެކްޓްތައް ހުއްޓުމަކަށް އައުމާއެކު ކޮންޓްރަކްޝަން ވިޔަފާރިކުރާ ކުންފުނިތަކުގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރިއެވެ. މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ކޮންސްޓްރަކްޝަން ވިޔަފާރިކުރާ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ކޯވިޑްގެ ސަބަބުން ގިނަ އަސަރުތަކެއް ކުރި ކުންފުންޏެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ވެންޒާ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ހާނިސް މޫސާ ވިދާޅުވީ ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުތެރޭ 4 މަސް ދުވަސް ވަންދެން އެކުންފުނީގެ ހުރިހާ ޕްރޮޖެކްޓްތައް ހުއްޓުމަކަށް އައި ކަމަށެވެ. މިއާއެކު މާލީގޮތުން ގިނަ ދަތިތައް ކުރިމަތިވި އެތައް ދަތިތަކާއި ކުރިމަތިލާންޖެހުނުކަން ހާނިސް ފާހަގަކުރެއްވިއެވެ.

ހާނިސް ވިދާޅުވީ ދިމާވަމުންދިޔަ ދަތިތަކާއި ގުޅިގެން ސަރުކާރުން ދޫކުރަމުން ދިޔަ ލޯންތަކާއި ގުޅޭ މައުލޫމާތު ހޯދި ކަމަށާއި، މި ލޯންތަކުގައި ހިމެނޭ ޝަރުތަތަކާއި ދެއްކުމުގައި ހުރި ފަސޭހަތައް އެންގުމުން ލޯން ނެގުމަށް އެކުންފުނިން ނިންމިކަމަށް ހާނިސް ވިދާޅުވިއެވެ.

"މި ދަނޑިވަޅުތެރޭގައި މި ލޯންގެ ބޭނުންވަރަށް ބޮޑު ހިފުނު، ވިޔަފާރި އިތުރަށް ތަރައްޤީކޮށް، އިތުރު އިންކަމް ޖެނެރޭޓްކުރުމަށް މަގުފަހިވި، މިއާ އެކު އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ނުކޮށް ކުރިއަށް ގެންދެވުނު، މިކަމާއި ސަރުކާރަށްވަރަށް ބޮޑަށް ޝުކުރުވެރިވަން،" ހާނިސް ވިދާޅުވިއެވެ.

ހާނިސް ވިދާޅުވީ ވިޔަފާރިތައް ކުރިއަރުވާ މި ދަނޑިވަޅުގައި ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދޭ މިފަދަ ހުރިހާ އެހީތަކުން މުޖްތަމަޢުއަށްވެސް ގިނަ ފައިދާތަކެއް ލިބޭކަމަށެވެ. އެގޮތުން ކުންފުނި ބަނގުރޫޓްވުމަކީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އާއިލާތަކަށް ލިބޭ ގެއްލުމެއް ކަމަށްވާއިރު، ކުންފުނި ހުއްޓުމެއް ނެތި ހިންގަމުން ދިޔުމަށް މަގުފަހި ވުމަކީ މުޖްތަމަޢުއަށް އޭގެ ފައިދާ އެތައް ގުނައަކަށް ކުރާނެ ކަމެއްކަންވެސް ހާނިސް ފާހަގަކުރެއްވިއެވެ.

ސެޓްލިންކް އަދި ވެންޒާ ކުންފުނީގެ އިސް ފަރާތްތަކާއި ވާހަކަދައްކާލުމުން، ސަރުކާރުން ދޫކުރި ލޯންތަކުން ލިބުނު ފައިދާތައް ހާމަވެއެވެ. އަދި މި ލޯންތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިޤްތިސާދަށް ކުރަމުންދާ ފައިދާތައްވެސް އަންދާޒާކޮށްލެވެއެވެ.

ސަރުކާރުން މިހާރުވެސް ވަނީ ވިޔަފާރިތަކަށް އެހީވުމަށް އިތުރު ލޯން ސްކީމްތަކެއް ތަޢާރަފްކޮށްފައެވެ. މި ލޯންތަކާއި އެކުވެސް އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގޮސް، ކޯވިޑްގެ ކުރިން އިޤްތިޞާދު އޮތް ހިސާބަށް ވަރަށް އަވަހަށް ދެވޭނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ. އެކަން ހާސިލްކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރިލީފް ލޯނުގެ ގޮތުގައި މިހާތަނަށް ވިޔަފާރިތަކަށް ވަނީ 1.7 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 6 އިންސައްތަ ވަނީ ހަމައެކަނި ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް އައިސްފައިވާ ލޮޅުމަށް އެހީތެރިވެދިނުމަށްޓަކައި ޚަރަދު ކޮށްފައެވެ.