ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ޓެކްސީއެއް ފާސްކޮށްފި


މިދިޔަ ހޯމަދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ކާރެއް ފުލުހުން ބަލައި، ފާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަޙްޤީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

13 އަހަރުގެ ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. އަދި އެ ކުއްޖާ ފެނިފައިވަނީ ކުއްޖާއަށް އަނިޔާ ކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ކުއްޖާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. ކުއްޖާގެ ހަޑިގަނޑު ފެނުނުއިރު ބޮޑެތި ޙާނިކަތަކެއް ދީފަހުރިކަމަށް ފުލުހުން ބުނެއެވެ. ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާ، ކުއްޖާގެ މަރުގެ ޙަޤީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި، 17އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައެވެ. 27 އަހަރުގެ މީހާ، ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި، ކުޑަކުއްޖާ 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ވަނީ ޖަހާފައެވެ.

މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިން ކަމަށް މަޢުލޫމާތު ލިބެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަޙުޤީގުކުރަމުންނެވެ. ހުޅުމާލޭގަ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުންވެސް ވަނީ ހެކި އެއްކޮށްފައެވެ.