ވިޔަފާރި

މިވަގުތު ކުރެވޭ އިންވެސްޓުމަންޓްތަކުގެ ފައިދާ ފަހުން މާ ބޮޑުވާނެ: އަމީރު


ރާއްޖޭގެ އިޤްތިޞާދު ކޯވިޑްގެ ކުރިން އޮތް ހާލަތަށް އިޔާދަ ވެގެންދާއިރު މިވަގުތު ކުރެވޭ އިންވެސްޓުމެންޓުތަކުގެ ފައިދާ ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހަކަތައިގެ ދައިރާއަށް ހާއްސަކޮށްގެން ބުދަ ދުވަހު ބޭއްވި އެނާޖީ އިންވެސްޓާސް ފޯރަމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދަކީ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އައި އިޤްތިޞާދެއް ކަމަށެވެ. އެގޮތުން އޭރު ޑިމާންޑު އިތުރުވަމުން ދިޔަ ވަރަކަށް، އިޤްތިޞާދު ކުރިއެރުވުމަށް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޢިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއް. މިއީ އިންވެސްޓު ކުރަން އޮތް ރަނުގެ ފުރުސަތެއް. އޭރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިޤްތިޞާދު އިޔާދަ ވެގެން ދާއިރު އަޅުގަނޑުމެންނަށް ޢިޤްތިޞާދު ހަލުވިކަމާއެކު ކުރިއަރުވައި، އެންމެ ފުރިހަމަ ގޮތުގައި ފައިދާ ލިބޭނެ. އެއީ މިހާރު ކުރެވޭ އިންވެސްޓްމެންޓު ތަކުގެ ފައިދާ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އިޔާދަވާއިރު ބޮޑުތަނުން އިތުރުވެގެން ދާނެތީ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން މިހާރުވެސް އެކި ދައިރާތަކުން ބޮޑެތި ޙަރަދުތައް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ހަތަރު ބައިކުޅަ އެއްބައި މިހާރުވެސް ޙަރަދު ކުރަނީ މިކަންކަންމަކަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު 24 ގަޑިއިރު ކަރަންޓު ދެވޭއިރު، ޑީސަލްއަށް ކުރަން ޖެހޭ ޙަރަދުތައް ބޮޑުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުން މިހާރުވެސް ޔޫޓިލިޓީ ކުންފުނިތަކަށް ކަރަންޓުގެ އަގު ހިފެހެއްޓުމަށް ސަބްސިޑީ ދޭއިރު، ބޭރު ފައިސާ ރާއްޖެއިން ބޭރުވާ މިންވަރަށް ބަލާއިރު ޑީސަލްއަށް ކުރާ ޙަރަދު ވަރަށް ބޮޑުކަން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ.

އެނާރޖީ އިންވެސްޓަރ ކޮންފަރެންސްއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވާލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސާއި ގުޅިގެން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިޔަ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ، "އެސްޕަޔަރ ޕްރޮޖެކްޓް" އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ، "އެރައިސް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤައިމްކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކާބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި ރާއްޖޭގެ ސެންޓްރަލް ބޭންކް އެމް.އެމް.އޭ އިންވެސް މި ކޮންފަރެންސަގައި ބައިވެރިވެ ސެޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކުދި ޤައުމުތަކުގެ ކުރިއެރުމަށް ހަކަތައިގެ ދައިރާގެ މުޙިއްމު ކަމާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ ކޮންފަރެންސަގައި ކުރިއަށް ގެންގޮސްފައެވެ.