ވިޔަފާރި

ވިޒިޓް މޯލްޑިވްސްއިން ޖަރުމަނު މާކެޓަށް އަމާޒުކޮށް އީ-ލަރނިންގ ޕްރޮގްރާމެއް


ޖަރުމަނު މާކެޓަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސްއިން އީލަރނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން މި ކެމްޕެއިން ފަށާފައިވަނީ އެފް.ވީ.ޑަބްލިއު އެކެޑެމީއާ ގުޅިގެންނެވެ. އެފް.ވީ.ޑަބްލިއުއަކީ ޖަރުމަނު މާކެޓުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑުއެއް މީޑިއާ ޗެނެލްއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަހަރުގެ ޖޫންމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށެވެ. ޕްރޮގްރާމް މެދުވެރިކޮށް ދިވެހިރާއްޖެ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ދައްކާ، ރާއްޖޭގެ ޕްރޮޑަކްޓުތަކާއި އެންމެ ފަހުގެ ޓްރެވެލް ގައިޑްލައިންސްގެ މަޢުލޫމާތު ހިއްސާކުރާނެއެވެ.

5 މަސް ދުވަހަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި އުޅޭ 400 މީހުން ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ލަފާކޮށްފައެވެ. އެފްވީޑަބްލިއުއާއެކީ ކުރިއަށްގެންދާ މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓަޖީތަކުގެ ތެރެއިން ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް އިތުރު ޕްރޮޑަކްޓުތަކާއި ތަޖުރިބާތައް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިންގެ އިތުރުން ވިޒިޓް މޯލްޑިވްސްއިން ދަނީ ތަފާތު އެކި ހަރަކާތްތަކާއި ކެމްޕެއިންތައް ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ރާވަމުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މީގެ ތެރޭގައި ބޮޑެތި އެއާލައިންތަކާއި ޓުއާރ އޮޕަރޭޓަރުންނާއިއެކު ކުރާ ކެމްޕެއިންތަކާއި، ޕްރިންޓް އަދި ޑިޖިޓަލް އެޑްތައް ހިމެނެއެވެ. އަދި މި މާރކެޓްތަކުގެ ބޮޑެތި މީޑިއާތަކާއި ސްޓޭކްހޯލްޑަރުންނާއެކު ރޭވިފައިވާ ތަފާތު ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ. ވިޒިޓް މޯލްޑިވްއިން ވަނީ މި މާކެޓަށް ހާއްސަ ދުނިޔޭގެ އެންމެ ބޮޑު އެއް ފެއާއެއް ކަމަށްވާ އައި.ޓީ.ބީ ބާރލިންގެ ވާރޗުއަލް އެޑިޝަންގައިވެސް މިއަހަރުގެ މާރިޗުމަހުގައި ބައިވެރިވެފައެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނު ވިލާތުން 23883 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދަތުރު ފަތުރަށް ބުރުއަރާފައިވާތީ، މިއީ ފާއިތުވެ ދިޔަ އަހަރުތަކާއި ބަލާއިރު މަދު އަދަދެއްކަމަށް ވިޔަސް، މިއީ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ މާކެޓެއްކަން ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.