ކުޅިވަރު

ރޮނާލްޑޯގެ ރެކޯޑާއެކު ޕޯޗުގަލް އާއި ފްރާންސް ޔޫރޯގެ ދެވަނަ ބުރަށް


ރޮނާލްޑޯ ރެކޯޑް ހެދި މެޗް އެއްވަރުވެ، ފްރާންސް އާއި ޕޯޗުގަލް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުުރުން ޖާގަ ހޯދައިފިއެވެ.
މިމެޗް އެއްވަރުވެފައިވަނީ 2 ލަނޑު 2 ލަނޑުންނެވެ.

މިރޭގެ މެޗްގެ ކުރިންވެސް ރޮނާލްޑޯވަނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ރެކޯޑާއި، ޔޫރޯގައި އެންމެ ގިނަ މެޗް ކުޅެފައިވާ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. އުމުރުން 36 އަހަރުގެ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯވަނީ މިރޭ ފްރާންސްކޮޅަށް ޖެހި 2 ގޯލާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ޢަލީ ދާއީ ވަނީ ގައުމީ ޓީމަށް 109 ގޯލް ޖަހާފައެވެ. ރޮނާލްޑޯވެސް ވަނީ 109 ގޯލް ގައުމީ ޓީމާއެކު މިހާރު ޖަހާފައެވެ. މިމެޗް އެއްވަރުވުމާއި ގުޅިގެން ގުރޫޕް އޮފް ޑެތްގެ ނަމުން މަޝްހޫރު ވެފައިވާ ގުރޫޕް އެފްގެ އެއްވަނަ ޓީމްގެ ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 2ވަނަ ބުރުން ޖާގަ ހޯދީ ފްރާންސެވެ. ފްރާންސަށް 3 މެޗުން 5 ޕޮއިންޓް ލިބިފައިވެއެވެ. ގުރޫފްގެ ދެވަނައަށް ދިޔައީ ޖަރުމަނެވެ. އަދި ގުރޫފްގެ ތިންވަނައިގައި އޮތް ޕޯޗުގަލްއިން ދެވަނަ ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ނެރޭ 3ވަނަ ޓީމުތަކުގެ ތެރެއިންނެވެ. މި ގުރޫފްގެ އެންމެ ފުލަށް ދިޔައީ ހަންގޭރީއެވެ. ގުރޫޕްގެ އެންމެ ފުލަށް ދިއުމުން ހަންގޭރީއަށް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް މިހާ ހިސާބުން ނިމިފައެވެ.

ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗަށް ދެ ޓީމުން ވެސް ނުކުމެފައިވަނީ މޮޅެއް ހޯދުމަށެވެ. މެޗްގައި ދެ ޓީމްގެ ފަރާތުންވެސް އަވަސް އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމުންވެސް މެޗްގައި ލީޑް ނެގުމަށް މަސައްކަތް ކުރަމުންދިޔައެވެ. ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން މެޗްގައި އެންމެ ފުރަތަމަ ލީޑް ނެގިއެވެ. މެޗްގެ 30ވަނަ މިނެޓްގައި ޕޯޗުގަލްގެ ޑަނީލޯ ޕެރޭރާ އަށް ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށްވައްދާލަދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ މިގޯލާއެކު ފްރާންސުން ވެސް ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ފްރާންސަށް ކުރަމުންދިޔަ މަސައްކަތަށް ނިމެމެއް ގެނައީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. ފްރާންސްގެ ފޯވާޑް ކަރިން ބެންޒީމާއަށް ކުރި ފައުލްއަކާއި ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކަރިން ބެންޒީމާއެވެ. މިއީ 2015ވަނަ އަހަރުގެ ފަހުން ބެންޒީމާ ފްރާންސްގެ ގައުމީ ޓީމަށް ގޯލެއް ޖެހި ފުރަތަމަ ފަހަރުއެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން 2ވަނަ މިނެޓްގެ ތެެރޭގައި ފްރާންސުން ވަނީ ލަނޑެއްޖަހައި މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑުވެސް ޕޮގްބާދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ބެންޒީމާއެވެ. މެޗްގައި ފްރާންސްއިން ލީޑް ނެގުމާއެކު ޕޯޗުގަލްއިންވެސް ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމެއް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 59ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީވެސް ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑަށް ފަހު ފްރާންސަށް ލީޑް ނަގައިދޭން ޕޯލް ޕޮގްބާއަށް ލިބުނު ފުރުސަތުގެ ހުރަކަށްވެފައިވަނީ ޕޯޗުގަލްގެ ރުއީ ޕެޓްރީޝިއޯއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސް ވާދަކުރަންޖެހޭނީ ސްވިޒަލެންޑާއެވެ. އަދި ޕޯޗުގަލް 2ވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ބެލްޖިއަމްއާއެވެ.