ޚަބަރު

މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓައެއް ނުލާ - އެމްޕީއެލް


މާމިގިލީ ޕޯޓުގެ އޮޕަރޭޝަނަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން މިހެން ވިދާޅުވީ ބައެއް މީޑިއާތަކުގައި އެ ޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވަކަމަށް ބުނެ ޚަބަރުތައް ފެތުރުމާ ގުޅިގެންނެވެ.

އެމްޕީއެލްއިން ވިދާޅުވީ މާމިގިލި ޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމާފައި ނުވާކަމަށާ، ނަމަވެސް ޕޯޓުގެ އޮޕަރެޝަންތައް ކުޑަކޮށްފައިވާކަމަށެވެ. އެ ޕޯޓުގެ އޮޕަރޭޝަންތައް ކުޑަކޮށްފައި މިވަނީ ކާގޯބޯޓެއް ނާންނަތާ ގާތްގަޑަކަށް 3 އަހަރުވެފައި ވަނިކޮށެވެ.

ޕޯޓުގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެނައިނަމަވެސް ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށާއި ޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްއަށް ވަޒީފާ ބަދަލުވާން ބޭނުންފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މާމިގިލި ޕޯޓުގައި 35 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެކުރިން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ މާމިގިލީ ޕޯޓާ ގުޅިގެން ކޮންމެ އަހަރަކު ދައުލަތަށް 8 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެެރިކަމާ ޙާވާލުވެވަޑައިގަތުމަށްފަހު މާމިގިލީ އިންޓަނޭޝަނަލް ޕޯޓް ކާމިޔާބު ކަމާއެކު ހިންގުމަށްޓަކައި އެމްޕީއެލްއާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އަމިއްލަ ބަޔަކާ ހަވާލުކޮށްގެންވެސް ކާމިޔާބު ކަމާއެކު އެ ބަނދަރު ހިންގޭނެ ގޮތެއް އޮތްތޯ ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އދ.މާމިގިލިގައި ޤާއިމްކުރި ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވާފައިވަނީ 2018ވަނަ އަހަރުގައެވެ.