ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ދުބާއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނަވައިފިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ޞާލިހު ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަކީ އެ މަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުޙައްމަދު ޞާލިޙްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިމަހުގެ 21 ވަނަދުވަހު އެމަނިކުފާނު ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު އަހްމަދު މުޙައްމަދު ޞާލިޙް އުމުރުފުޅުން 55 އަހަރުގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ދުބާއީގައި ހުންނަވަނިކޮށެވެ.