ވިޔަފާރި

ފަސޭހަ މަދަދުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން ފަށައިފި


އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ 30 މިލިއަން ރުފިޔާގެ އިސްލާމިކް ފައިނޭންސިން ކްރެޑިޓް ސްކީމް، ފަސޭހަ މަދަދަށް ކުރިމަތިލި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބިޒްނަސް ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ ސްކީމަށް ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަމަށާއި، އެގޮތުން މިހާރު ކުރިއަށް ދަނީ ކުރިމަތިލި ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބެލުމުގެ މަސައްކަތް ކަމަށެވެ.މި ސްކީމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީތެރިކަމާއެކު ހިންގާ ސްކީމެކެވެ. މި ކްރެޑިޓް ސްކީމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށެވެ. އެ ގޮތުން ލޯނު ދޫކުރަނީ ދަތުރުފަތުރާއި މަސްވެރިކަން އަދި ދަނޑުވެރިކަމަށެވެ.މި ސްކީމުގެ ދަށުން ދޫކުރަނީ ފައިސާއެއް ނޫންކަމަށާއި ނަމަވެސް ފައިސާގެ ބަދަލުގައި ދޫކުރަނީ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ސާމާނު ނުވަތަ ވިޔަފާރި ހިނގާތަނުގެ ހަރަދު ތައްކަމަށް އިބްރާހިމް ފިރުޝާން ވިދާޅުވިއެވެ. ފިރުޝާން ވިދާޅުވީ މި ސްކީމަށް ފުރަތަމަ ކޮޅު ލިބުނު ތަރުހީބު ކުޑަނަމަވެސް، ސުންގަޑި ހަމަވާން ދެ ދުވަހަށްވެފައި ވަނިކޮށް ގިނަ އަދަދެއްގެ ޕްރޮޕޯސަލް ލިބިފައިވާކަމަށެވެ.