މާރާލާފައި އޮތްވާ ފެނުނު 13އަހަރުގެ ކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި 27އަހަރުގެ މީހާ، ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި، ކުޑަކުއްޖާ 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
13އަހަރުގެ ކުއްޖާ މާރާލާ، ފޮށްޓަކަށްލުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފަވަނިކޮށް ފެނިފައިވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތުގައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ދެމީހަކުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. މީގެތެރޭގަ ހިމެނެނީ އުމުރުން 27އަހަރުގެ ފިރިހެނަކާއި، 17އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
މި މީހުން ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ، 27އަހަރުގެ ފިރިހެން މީހާ ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ. އަދި 17އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެދަށުގަ ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15ދުވަހުގެ މުއްދަތެއްވަނީ ޖަހާފައެވެ.
މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިން ކަމަށް މަޢުލޫމާތުލިބެއެވެ. މި މައްސަލަ ސީރިއަސް މައްސަލަ ގޮތުގައި ފުލުހުން އަންނަނީ ތަޙުޤީގުކުރަމުންނެވެ. ހުޅުމާލޭގަ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުންވެސްވަނީ ހެކި އެއްކޮށްފައެވެ. އަދި މިކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙްޤީގުކުރުމަށްޓަކައި ބޭނުންވާ ހެކި އަދިވެސް ހޯދަމުން އަންނަކަމަށެވެ. އަދި އެކަމާގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ހުށައެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުން ވިދާޅުވެފައިވަނީ މިޙާދިސާ ހިނގި ދުވަހުގެ ކުރީދުވަހު ހަވީރު، އެކުއްޖާއަށް އަނިޔާ ކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނުކަމަށެވެ. އަދި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުންވަނީ ކުއްޖާ ހޯދުމުގެ މަސައްކަތް އިތުރަށްކޮށްފައެވެ. މިކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފުލުހުން އިތުރަށް މަސައްކަތްކޮށް ހޯދައި ބަލަމުން ދަނިކޮށް، ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިން ކުއްޖާގެ ހަށިގަނޑު ފެނިފަވަނީ އެރޭގެ ދަންވަރު 2:30ހާއިރުއެވެ.
ކުއްޖާގެ ހަޑިގަނޑު ފެނުނުއިރު ބޮޑެތި ޙާނިކަތަކެއް ދީފަހުރިކަމަށް ފުލުހުން ބުނެއެވެ. ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާ، ކުއްޖާގެ މަރުގެ ޙަޤީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށްވެސްވަނީ ނިންމާފައެވެ.