ތަޢުލީމު

ޕާކިސްތާނުގެ ސަފީރު އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައިފި


ޕާކިސްތާން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޓަޔާޑް ސައިދް ޚަވާރް ޢަލީ ޝާހް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްއާއި ބައްދަލު ކުރައްވައިފިއެވެ.މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޕާކިސްތާނު ސަރުކާރުގެ އެހީގައި ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.އެގޮތުންއެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މެޑިސިން، ސައިކޮލަޖީ އަދި އެއާރ ކްރާފްޓް އިންޖިނިއަރިންގއާއި ޕައިލެޓް ސްޓަޑީސް ފަދަ ދާއިރާތަކުން، ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުން އަދި ހާއްސަގޮތެއްގައި ދިވެހި ރާއްޖެއަށް ބޭނުންވާ ފާމަސިސްޓުން ތަމްރީނު ކުރުމުގައި ޕާކިސްތާނުން އިތުރު އެހީތެރިކަން ބޭނުންފުޅުވާ ކަން ފާހަގަކުރެއްވިއެވެ.ބޭރު ގައުމުތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ލިބޭ މިފަދަ ފުރުސަތުތަކަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އަވަސްވެ އަދި ގައުމަށް ބޭނުންވާ މަސައްކަތްތެރިން އުފެއްދުމުގައި ނުހަނު ބޭނުންތެރި ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ދިވެހި ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުން އަވަސްކޮށްދިނުމަށްޓަކައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ތަންފީޒުކުރުމަށް ދެ ޤައުމު ގުޅިގެން އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.