ޚަބަރު

ތިނަދޫ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ


ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓު ކުރެވޭގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ކޯވިޑް-19ގެ އެންމެ ނުރައްކާ ބޮޑުވެފައިވާ އެއް ރަށަކީ ގދ.ތިނަދޫއެވެ. މިވަގުތުވެސް 200އަށްވުރެ ގިނަ އެކްޓިވް ކޭސް އެރަށުގައި އޮތްއިރު މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގައިވެސް އަދި ކައިރި ހިސާބަކުންވެސް ސާމްޕަލްތައް ޓެސްޓުކުރެވޭނެ ގޮތެއް ނެތުމެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސަޢީދު ވިދާޅުވީ މިހާރު ސާމްޕަލްތައް މާލެ ފޮނުވައިގެން ނަތީޖާ ލިބެނީ ގަތްގަނޑަކަށް 72 ގަޑިއިރުގެ ތެރޭގައި ކަމަށާއި ބައެއް ފަހަރު އެއަށްވުރެ ގިނަ ވަގުތުނަގާކަންވެސް އޭނާވަނީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަލަށް ގެނެވޭ ޕީސީއާރް މެޝިނާއެކު ރަށުން ނަގާ ސާމްޕަލްތަގެ ނަތީޖާ އެންމެ ގިނަވެގެންވެސް 24 ގަޑިއިރުގެ ތެރޭގައި ލިބި އެއާއެކު ކުރަންޖެހޭ މަސައްކަތްތައް އަވަސްވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ އަބްދުއްސމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބެހެއްޓުމަށް މަސައްކަތްކުރަނީ ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ޓެސްޓު ކުރެވޭނެ މެޝިނެކެވެ. މެޝިންގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަންނަ ހަފްތާގެ ތެރޭގައި މިމެޝިން ތިނަދޫއަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވީ މެޝިން ބޭނުންކުރުމަށް އަހުލުވެރި ޓްރެއިންޑް ސްޓާފުން ހޮސްޕިޓަލުގައި މިވަގުތުވެސް އެބަތިބިކަމަށެވެ. އެހެންކަމުން މެޝިން ގެނެވުމާއެކު ޓެސްޓުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. މިމެޝިންގެ ސަބަބުން ހަމައެކަނި ފައިދާވާނީ ތިނަދޫއަށް ނޫންކަމަށާއި މިއީ މުޅި ހުވަދުއަތޮޅަށްވެސް ލިބިގެންދިޔަ ކުރިއެރުމެއް އަދި ފަސޭހައެއްކަމަށް ތިނަދޫ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ތިނަދޫގައި މިވަގުތު އެކްޓިވް 216 އެކްޓިވް ކޭސް އޮތްއިރު ދުވާލެއްގެ މައްޗަށް މިހާރު ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން 20 އިންސައްތަ ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވެއެވެ. އެރަށުގައި ތިބި ޕޮޒިޓީވް މީހުންގެތެރެއިން 5 މީހަކު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިއާއެކު ރަށުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ. ތިނަދޫ މިއިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ. މިއާއެކު ގދ.އަތޮޅު ގައްދުއާއި ފަރެސްމާތޮޑާ އޮތީ މޮނީޓަރިންއަށް ލާފައެވެ. އަދި ގއ.އަތޮޅުން ދާންދޫއާއި ގެމަނަފުއްޓާއި ވިލިގިއްޔާއި ކޫއްޑޫއާއި މާމެންދޫއާއި ކޮލަމާފުށި މިވަގުތު އޮތީ މޮނީޓަރިންއަށްލާ އަރާފޭބުން މަނާކޮށްފައެވެ.