ޚަބަރު

"މަރާލާފައި އޮތް ކުއްޖާ ފެނުނީ އަނިޔާ ކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ހޯދަނިކޮށް"


އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ 2ވަ ފިޔަވަހީގެ މީހުން ވަނުން މަނާ ސަރަޙައްދުގައި ކުއްޖަކަށް އަނިޔާ ކުރާ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށައެޅިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެ ފުލުހުންގެ އިދާރާއަށް އެ މައްސަލައިގެ މަޢުލޫމާތު ހުށައެޅުމުން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތުގައި އެކުއްޖާއަށް އަނިޔާ ކުރާކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފުލުހުން އިތުރަށް މަސައްކަތްކޮށް ހޯދައި ބަލަމުން ދިޔަ ދިއުމުގައި ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދުން ފޮއްޓެއްގެ ތެރެއިން ކުއްޖާގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. ޢުމުރުން 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް، މަރާލާފައި އޮއްވައި އެކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ. މިމައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙްޤީގުކުރުމަށްޓަކައި ބޭނުންވާ ހެކި އަދިވެސް ހޯދަމުން އަންނަކަމަށެވެ. އަދި އެކަމާގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ފުލުހުނަށް ހުށައެޅުމަށް އެފަރާތުންވަނީ އިލްތިމާސްކުރައްވާފައެވެ.

މިހާދިސާއާ ގުޅިގެން ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވިދާޅުވީ ރޭ ދަންވަރު މަރާލާފައި އޮތްވާ ފެނުނު ކުޑަކުއްޖާއަކީ ކިޔަވަމުން އައި ޤާބިލް ކުއްޖެއްކަމަށެވެ. އަދި ކުއްޖާއަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އާޢިލާއާއެކު ޖެންޑަރ މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަމުން އައިކަމަށެވެ. އެހެންނަމަވެސް އެކުއްޖާއަށް އިޖުތިމާޢީ އެހީތެރިކަން ދެމުންދިޔައީ ކީއްވެގެންކަމެއް އަދި އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ. ޔުމްނާ ވިދާޅުވީ ކުއްޖާ މަރާލުމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށްޓަކައި އެ އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި ކުއްޖާގެ ޒާތީ މަޢުލޫމާތުތައް ހާމަނުކުރުމަށްވެސް ޔުމްނާ އިލްތިމާސްކުރެއްވިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުކަމަށެވެ. އަދި މިވަގުތުވެސް ކުއްޖާގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އެނގިފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުން ކުއްޖާގެ ބައެއް ޓެސްޓުތައް ދަނީ ހަދަމުންނެވެ. ފުލުހުން ވިދާޅުވީ، ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު ޕީ.އެސް.އެމް ނިއުސްއަށް ކިޔައިދިންގޮތުގައި ކުއްޖާގެ ހަށިގަނޑުން ޒަޚަމްތައް ފެންނަން ހުއްޓެވެ. އަދި މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށްވެސް އޭނާ ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރަހީނުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ގދ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ އެންމެ ކުޑައިރުން ފެށިގެން ދިރިއުޅެމުންދިޔައީ އާއިލާއާއެކު މާލޭގައެވެ.