އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމަކީ އިޚްތިޔާރީކަމެއްގެ
ގޮތުގައި ނުދެކި އަންހެނުންގެ ޙިއްސާއަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން
މަސައްކަތްކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ގޮވާލައިފިއެވެ.
އަންހެނުނަށް ކުރާ
އަނިޔާއާ ދެކޮޅަށް ފާހަގަކުރާދުވަހާއި ގުޅިގެން އެކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ މޭ
މަހުގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށާއި ފެމިލީ ޕްރޮޓެކްޝަން
އޮތޯރިޓީއަށް ހުށައެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އަންހެނުންނަށް
ލިބިފައިވާ އަނިޔާގެ ގޮތުގައި 178 މައްސަލަ ރިޕޯޓް ކުރެވިފައިވާކަމަށެވެ. އަދި
މިފަދަ އަނިޔާތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތައް އެހެން މީހުންނަށް ކުރާ
އިތުބާރު ގެއްލި، އަނިޔާއާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު ގެއްލިގެންދާކަމަށް
އެކޮމިޝަންގެ ބަޔާންގައި ބުނެފައިވެއެވެ.
ހިިއުމަންރައިޓްސް ކޮމިޝަނުން ބުނީ އަންހެނުންނާ
ދެކޮޅަށް ކުރާ އެންމެހާ ތަފާތުތައް ނައްތާލުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައިވާ
ކަންކަން އެންމެ އެކަށޭނަ ގޮތެއްގައި ދައުލަތުން ތަންފީޛު ކުރެއްވުމަށްޓަކައި، އަންހެންނުނަށް
ކުރާ އަނިޔާއާ މެދު އާންމުން ހޭލުންތެރިކޮށް، މުޖްތަމަޢުގައި އަންހެނުންނާމެދު ގެންގުޅޭ
ރަގަޅުނޫން ވިސްނުންތައް ނައްތާލަންޖެހޭނަކަމަށެވެ. އަދި އަންހެނުންގެ ޙައްޤުތަކަށް
އިޙްތިރާމުކުރާ ޖީލެއް ބިނާ ކުރުމަށް، ތަޢުލީމީ ނިޒާމުގެ ތެރެއިން ޖިންސީ ތަފާތުތައް
ނައްތާލުމަށާއި އަންހެނުންނާ މެދު ކުރާ ތަފާތުތަކާއި އަނިޔާތައް ނައްތާލުމަށް ބާރު
އަޅަން ޖެހޭކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވޭނީ
އަންހެނުންނާމެދު ދެކޭ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ޖިސްމާނީ ގޮތުންނާއި
ނަފްސާނީ ގޮތުން ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކޮށްގެންކަމަށް
އެޗްއާރުސީއެމްއިން ފާހަގަކުރެއެވެ.
މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް
ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާދުވަހެވެ.