ޚަބަރު

ފުރަތަމަ ދެ މެޗުން ބަލިވެ ދެވަނަބުރަށް ދިޔަ ފުރަތަމަ ޓީމަކަށް ޑެންމާކު


ފުރަތަމަ ދެ މެޗުން ބަލިވެ ޔޫރޯގެ ތާރީހުގައިވެސް ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ޑެންމާކު ވެއްޖެއެވެ. ޑެންމާކު ޔޫރޯގެ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުން ރަޝިޔާގެ މައްޗަށް ބޮޑު މޮޅެއް ހޯދައިގެންނެވެ. ރޭގެ މެޗުގައި ޑެންމާކު ރަޝިޔާ ބަލިކުރީ 4-1 އިންނެވެ.

މިފަހަރުގެ ޔޫރޯގައި ޑެންމާކް ފުރަތަމަ ނިކުތީ ފިންލޭންޑާއި ދެކޮޅަށެވެ. މެޗްގެ 10ވަނަ މިނެޓްގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަނަށް ހާޓްއެޓޭކެއް ޖެހިގެން ދަނޑުމައްޗަށް ވެއްޓުނެވެ. އެރިކްސަން ވީގޮތެއް ނޭގި ހުއްޓާލާފައި އޮތް މެޗް އަލުން ކުޅުނީ އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަތާ 2 ގަޑިރެއްހާއިރު ފަހުންނެވެ. މެޗް ނިމިގެންދިޔައީ ޝޮކްގައި ތިބި ޑެންމާކުގެ މައްޗަށް 1-0 ފިންލޭންޑް ކުރި ހޯދައިގެންނެވެ. މުބާރާތުގައި ދެވަނަ މެޗްގައިވެސް ޑެންމާކަށް ކުރިމަތިވީ ނާކާމިޔާބީ އާއެވެ. މެޗްގައި ލީޑް ނަގާފައިވަނިކޮށް އެ ފަހަރު ފަހަތުން އަރާ ދެ ލަނޑު ޖަހާ މެޗުން މޮޅުވީ ބެލްޖިއަމްއެވެ.

މުބާރާތުގެ ގްރޫޕް ސެޓޭޖްގެ ފަހު މެޗްގައި ރޭ ރަޝިޔާއާއި ދެކޮޅަށް ޑެންމާކު ނުކުތީ މެޗަކުން މޮޅުވެ އެރިކްސަނަށްޓަކައި ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށެވެ. ރޭގެ މެޗުން ޑެންމާކު މޮޅު ދެވަނަ ބުރުން ޖާގައެއް މިވަނީ ކަށަވަރުކޮށްފައެވެ. މީ ޔޫރޯގެ ތާރީހުގައިވެސް ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދެ މެޗުން ބަލިވެ ދެވަނަ ބުރުން ޓީމަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުން ދިޔައެވެ. މެޗްގައި ދެ ޓީމްގެ ގޯލް ކީޕަރުންގެ ފަރާތުންވެސް ވަރަށް ރަގަނޅު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ގޯލަށް އަމާޒުވި ގިނަ ބޯޅަތަކުގެ ހުރަކަށްވީ ހުށިޔާރު ކީޕަރުންނެވެ.

މެޗްގެ ސުން ކަނޑުވާލީ ފުރަތަމަ ހާފުގެ 38 މިނެޓްގައި ޑެންމާކުގެ ޑަމްސްގާޑްއެވެ. އޭރިޔާގެ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ލީޑް އެޓީމަށް ފުޅާކޮށްދިނީ ރަޝިޔާގެ ރޯމަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަަގައި ޔޫސުފް ޕޯލްސަންއެވެ. އެހެންނަމަވެސް މެޗްގެ 70 ވަނަ މިނެޓްގައި ރަޝިޔާއިން ލަނޑެއް ޖަހާ އަނެއްކާވެސް މެޗުން މޮޅުވުމުގެ އުއްމީދު އާކުރިއެވެ. ރަޝާއިން މި ލަނޑު ކާމިޔާބުކުރީ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ފަސޭހަކަމާއި އެކު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ރަޝިޔާގެ މިލަނޑަށްފަހު ދެން ފެނިގެންދިޔައީ ޑެންމާކުން އިތުރު ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް ކުރިއަރައިގެން ކުޅެން ފެށިތަނެވެ. ނަތީޖާއަކަށްވީ 3 މިނެޓްގެ ތެރޭގައި ޑެންމާކު 2 ގޯލް ޖަހާ މެޗްގެ ތާފާތު ބޮޑު ކޮށްލުމެވެ. ޑެންމާކްގެ 3ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 79ވަނަ މިނެޓްގައި އަންދްރެއަސް ކްރިސްޓެންސަންއެވެ. އަދި މެޗްގެ 81ވަނަ މިނެޓްގައި އެޓީމްގެ 4ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޭލާއެވެ.

ގުރޫފް ބީގެ އެއްވަނަ ލިބެނީ 3 މެޗުން 9 ޕޮއިންޓް ހޯދި ބެލްޖިއަމްއަށެވެ. ގްރޫޕްގެ 2 ވަނަ ޑެންމާކުން ހޯދީ ގްރޫޕްގެ 3 ވަނައިގައި އޮތް ފިންލޭންޑަށްވުރެ ފައިދާ 1 ގޯލްގެ ތަފާތުންނެވެ. ގްރޫޕް ސެޓޭޖުން ޑެންމާކު ކުޑަ ތަފާތަކުން ކުރި ހޯދާ ދެވަނަ ދެވަނަ ބުރަށް ދިޔަ ނަމަވެސް ފިންލެންޑަށްވެސް އަދި މި ފުރުސަތު އެބައޮތެވެ.

3 ވަނައިގައި ނިންމާލުމުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ އަށް ދާ ޓީމްތަކުގެ ތެރެއިން ފިންލޭންޑަށް 2 ވަނަ ބުރަށް ދިޔުމުގެ ޖާގަ އަދި އެބައޮތެވެ. އެހެންނަމަވެސް މިކަން އެޓީމަށް ޔަޤީންވާނީ ހުރިހާ ގްރޫޕެއްގެ މެޗްތައް ނިމުމުންނެވެ.