ކުޅިވަރު

އޮސްޓްރިއާއިން ފުރަތަމަ ފަހަރަށް 2ވަނަ ބުރުން ޖާގަ ހޯދައިފި


އޮސްޓްރިއާއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް 2ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ގުރޫޕް ސެޓޭޖްގެ ފަހު މެޗް އޮސްޓްރިއާއިން ކާމިޔާބުކޮށްފައިވަނީ ޔޫކްރެއިންގެ މައްޗަށް 1 ލަނޑު 0 ލަނޑުން ކުރި ހޯދައިގެންނެވެ.

މިމެޗަށް ނިކުތްއިރު ދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަަތު އޮތްއިރު، މެޗް އެއްވަރުކޮށްލައިގެން ވެސް ޔޫކްރެއިން އަށް ދެވަނަ ބުރުގެ ފުރުސަތު އޮތްއިރު، އޮސްޓްރީއާއަށް ދެވަނަ ބުރަށް ދެވެން އޮތީ މެޗުން މޮޅުވެގެންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ އޮސްޓްރިއާއިންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ޔޫކްރެއިންގެ ފަރާތުން ވަރަށް ގިނަ މިސް ޕާސްތަކެއް ފެނިގެންދިޔައެވެ. އަދި މިޕާސްތަކުގެ ފައިދާ ނަގައި، އޮސްޓްރިއާއިން ދިޔައީ ޔޫކްރެއިންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިމުބާރާތުގެ ދެވަނަ ބުރުން އޮސްޓްރިއާ ޖާގަ ހޯދުމާއެކު މިއީ 1954 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އޮސްޓްރިއާ އިން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރުގައި ކުޅޭ ފުރަތަމަ ފަހަރުއެވެ.

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޮސްޓްރިއާއަށް ކާމިޔާބުކޮށްދިނީ މެޗްގެ 21ވަނަ މިނެޓްގައި ކްރިސްޓޮފް ބޯމްގާޓްނާއެވެ. މި ލަނޑާއެކު ކްރިސްޓޮފް ބޯމްގާޓްނާ ވެފައިވަނީ މިފަހަރުގެ ޔޫރޯގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިހާރު ބޯމްގާޓްނާގެ އުމުރަކީ 21 އަހަރުއެވެ. މިލަނޑަށްފަހު އިތުރު ލަނޑެއް ޖެހުމުގެ ފުރުސަތެއް ބޯމްގާޓްނާއަށް ނުލިބުނެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޔޫކްރެއިންނަށް ލިބިފައިވަނީ ވަރަށް މަދު ފުރުސަތެކެވެ. ޔޫކްރެއިންގެ މިކޯލާ ޝަޕަރެންކޯ ފޮނުވާލި ބޯޅަ ވަނީ އޮސްޓްރިއާގެ ކީީޕަރު ޑެނިއަލް ބަކްމަން މަތަކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި އޮސްޓްރީއާއަށް ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗުން މޮޅުވާން މަޖްބޫރުވުމުން ޔޫކްރެއިނުން މެޗްގެ ދަވަނަ ހާފްގައި ވަރަށް ބޮޑަށް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އަދި ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެން ކުޅެން ފެށިތަން ފެނިގެންދިޔައެވެ. އަދި އޮސްޓްރިއާއިން އެޓީމަށް ލިބިފައިވާ ލީޑް ދިފާޢުކުރުމުގެ ގޮތުން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނުތަން ވެސް ފެނިގެންދިޔައެވެ.

މި ގުރޫޕްގެއެންމެ ފުލަށް ދިޔައީ މުޅިން އަލަށް މި ފަހަރުގެ ޔޫރޯގައި ކުޅުނު ނޯތު މެސެޑޯނިއާއެވެ.