ޚަބަރު

ތުރުކީ މެޗުގައި ސްވިޓްޒަލަންޑްގެ ފެންވަރު ދައްކާލެވިއްޖެ: ޕެޓްކޮވިޗް


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ސްވިޓްޒަލަންޑާއި ތުރުކީވިލާތް ބައްދަލުކުރި މެޗްގައި ސްވިޓްޒަލަންޑްގެ ފެންވަރު ދައްކާލެވިއްޖެ ކަމަށް އެޓީމްގެ ކޯޗް ވްލަޑްމިއަރ ޕެޓްކޮވިޗް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް 3 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ސްވިޓްޒަލަންޑްއެެވެ.

ޕެޓްކޮވިޗް ބުނީ ރޭގެ މެޗްގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިންވަނީ ދަނޑުމަތީ އެކުޅުންތެރިންނާއި ހަވާލުކުރި މަސައްކަތް ވަރަށް ފުރިހަމައަށް އަދާކޮށްފައިކަމަށްވެސް އޭނާ ބުންޏެވެ. ބޭނުންވަނީ ފަހު 16 ޓީމްގެ ތެރޭގައި ހިމެނުމަށްކަމަށާއި ދެން އޮތީ އެހެން މެޗްތަކުގެ ނަތީޖާއަށް އިންތިޒާރުކޮށްގެން ބަލަން ތިބުން ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ތުރުކީވިލާތުގެ ކޯޗް ސެނޯލް ގުނޭސް ބުނީ މިފަހަރުގެ މުޅި މުބާރާތުގައިވެސް ތުރުކީ ޓީމަށް އެންމެ ރަނގަޅަށް ކުޅެވިފައިނުވާކަމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުން ނިކުތް ނަތީޖާގެ އަސަރު ޓީމަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށެެވެ. މިއީ މިކަހަލަ މުބާރާތެއްގައި ވެދާނެކަމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތުރުކީވިލާތުގެ ޤައުމީ ޓީމްގައި ތިބީ ހުނަރުވެރި ފާހަގަ ކޮށްލެވޭ ކުޅުންތެރިން ތަކެއް ކަމަށާއި އެކުޅުންތެރިން ކުރިއަށް އޮތް ގިނަ އަހަރު ތަކެއްގައި އެޓީމަށް ކުޅެ ކުރިއަށް އޮތްތާނގާ ކާމިޔާބީވެސް ހޯދާދޭނެކަމަށް އޭނާ ހާމަކުރިއެެވެ.

ރޭގެ މެޗްގައި ސްވިޓްޒަލަންޑްގެ ތަރިއަކަށްވި ޝެރްޑާން ޝަކީރީ ބުނީ މިމެޗަކީ އެޓީމް މޮޅުވުން ކޮންމެހެން މަޖްބޫރު މެޗެއް ކަމަށާއި އަދި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ކުޅެ މެޗުން މޮޅުވެވިއްޖެ ކަމަށެެވެ. މިމެޗްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބި ބޭނުން ނުހިފި ދިޔަ ކަމަށާއި އެކަން ކުރެވުނު ނަމަ މިހާރު ޓީމް އޮތް ހާލަތު ވަރަށް ތަފާތު ވީސް ކަމަށްވެސް އޭނާ ފާހަގަކުރިއެެވެ. ނަމަވެސް މިމެޗުން ލިބުނު ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށްވެސް އޭނާ ހާމަކުރިއެެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ސްވިޓްޒަލަންޑް ދިޔައީ އިޓަލީވިލާތާއި ވޭލްސްގެ ފަހަތުން ގްރޫޕްގެ ތިންވަނައަށެވެ. އެއީ ވޭލްސް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ވޭލްސްއަށް ކުރި ލިބޭތީއެެވެ. އެހެންކަމުން ސްވިޓްޒަލަންޑަށް ޖެހިފައިވަނީ އެހެން ގްރޫޕްތަކުގެ މެޗްތައް ކުޅެ ނިމެންދެން މަޑު ކުރާށެެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމްތަކުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެޓީމަށް އޮތުމުންނެވެ.