ނ.މިލަދޫގައި އަލަށް ތަރައްޤީކުރާ ބަނދަރާއި އެރަށުގައި ކުރިން ބޭނުންކުރަމުންއައި ބަނދަރު ގުޅާލުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް މިލަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކައުންސިލުން ވިދާޅުވީ މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްގެންދާކަމަށެވެ.
އާބާދީގައި ގާތްގަނޑަކަށް 2800 މީހުން ދިރިއުޅޭ ނ.މިލަދޫއަކީ ލަފާފުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ރަށެކެވެ. ގިނަ ރައްޔިތުންނެއް އިންތިޒާރުކުރަމުން އައި ބަނދަރުގެ މަސައްކަތް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާއިރު މިމަސައްކަތް ތާވަލާ އެއްގޮތަށް ނިންމާލެވޭނެކަމުގެ އުއްމީދު އެބައޮތްތަކަމަށް ކައުންސިލްގެ ރައީސް ޢަބްދުލް މަޖީދު މުޙައްމަދު ވިދާޅުވިއެވެ.
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓާޢި ބޭރުތޮށި ލުމުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/14wQ0c16ZX
— MTCC Plc (@MTCCPlc) June 21, 2021
އެގޮތުން މިހާރު އަލަށް ތަރައްޤީކުރާ ބަނދަރުގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 އިންސައްތަ އާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީންވަނީ ވިދާޅުވެފައެވެ. ރަށު ކައުންސިލުން ވިދާޅުވީ މިމަސައްކަތް ނިމިގެން އަންނަ ހަފްތާގެ ތެރޭގައި ކުރިން ބޭނުންކުރި ބަނދަރުގަ ބޮޑު ހިލަ ޖަހާ އަލަށް ތަރައްޤީ ކުރި ބަނދަރާ ގުޅާލުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށެވެ.
42 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މިބަނދަރު މަޝްރޫޢުގެ ދަށުން 37 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކޮށް 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލާ 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖަހާ 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލާ 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢު ނިމިގެންދާއިރު ރަށަށް ތަރައްޤީގެ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް ރަށު ކައުންސިލުން ދެކެއެވެ. އެގޮތުން ކުރިން އޮތް ބަނދަރު ކުޑަވުމުގެ ސަބަބުން ބޮޑެތި ބޯޓު ފަހަރަށް ރަށުގެ ބަނދަރަށް ވަދެވޭނެ ގޮތެއް ނޯވެއެވެ. ގިނަ ޢަދަދެއްގެ ޑިންގީއާއި އޮޑިފަހަރު ބަނދަރުގައި އަޅާފައި އޮތުމުގެ ސަބަބުން އެރަށުގެ ބަނދަރަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ބަނދަރެކެވެ. އެހެންކަމުން ބަނދަރު ތަރައްޤީކޮށް ނިމުމާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެރަށު ރައްޔިތުން ދެކެއެވެ.