ޚަބަރު

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ ޑްރާފްޓް ޢާއްމުކޮށްފި


ހިޔާ ފްލެޓުތަކުގެ ޑްރާފްޓް އެއްބަސްވުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އާއްމުކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ މިއީ ފްލެޓުތައް ޙަވާލުކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވަގުތު ސަލާމަތްކުރުމަށް ކުރިކަމެއްކަމަށެވެ.

އެޗްޑީސީގެ ވެބްސައިޓުގައި މިހާރު ހިޔާ ފްލެޓުގެ ވަގުތީ އެއްބަސްވުން ވަނީ ޝާއިއުކޮށްފައެވެ. އެކޯޕަރޭޝަނުން ވިދާޅުވީ ހިޔާ މަޝްރޫއަކީ ނިސްބަތުން ބޮޑު މަޝްރޫއަކަށްވެފައި ފްލެޓު ލިބޭ 6720 މީހުން ތިބިއިރު މިއިން ކޮންމެ މީހަކަށް ވަކިން އެއްބަސްވުން ފޮނުވުމަކީ ދަތިކަމަކަށްވާނެކަމަށެވެ. އެހެންކަމުން ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެޗްޑީސީން ޢާއްމުކޮށްފައިވާ ކަންކަން ދެނެގަނެ ބަދަލުކުރަން ހުރި ނުވަތަ ކަންބޮޑުވާކަމެއް ހުރިނަމަ އެކަމެއް ހިއްސާކުރުމަށް މި ފުރުޞަތުގެ ބޭނުން ހިފޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ ޑްރާފްޓް

އެޗްޑީސީއިން ބުނީ މިހާރު އާއްމުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި އެފަދަ އެއްވެސް ބަދަލެއް އެއްބަސްވުމަށް ގެންނަކަމުގައިވާނަމަ އެކަން ފްލެޓުތައް ލިބޭ ފަރާތްތަކާއި ހިއްސާކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ހިޔާ ފްލެޓުތައް ލިބުނު ފަރާތްތައް މިހާރު ހާމަކޮށްފައިވާއިރު މިފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން އަންނަ ޖުލައިމަހުގެ 14 ވަނަ ދުވަހު ފެށުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިޔާގެ ފްލެޓުތަކުގައި ގިނަ މައްސަލަތަކެއް ހުރުމާއެކު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް މިފްލެޓުތަކާއި ގުޅިގެން ވަނީ ފެންމަތިވެފައެވެ. އެހެންކަމުން ސަރުކާރުން މިހާރުވަނީ މިފްލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް އޮންނަގޮތަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިފުރުސަތު އޮންނާނީ އެއްބަސްވުމުގައި ސޮއިކުރާތާ 3 މަސް ހަމަވަންދެން ކަމުގައި ސަރުކާރުން ވިދާޅުވެއެވެ. އަދި މިގޮތަށް ފްލެޓު ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފުރުސަތު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފެލްޓުތަކުގެ ވެރިންނާ އެތަން ޙަވާލުކުރުމަށްފަހު ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި މިމުއްދަތުގައި މިތަންތަނުން ކުލި ނުނަގާ ގޮތަށްވެސްވަނީ ހަމަޖައްސާފައެވެ.