ވިޔަފާރި

މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލްގެ ސަސްޕެންޝަން އުވާލައިފި


ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވާލައިފިއެވެ.

މޯލްޑިވް ގޭސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއި މެދު ކުރެވުނު ތުޙުމަތުތައް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުގީގުކޮށްފައިވާކަމަށެވެ. އަދި ތަހުގީގަށްފަހު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ސަބިތުވެފައިނުވާކަން އެ ކުންފުންޏަށް އެންޓި-ކޮރަޕްޝަނުން އަންގާފައިވާ ކަމަށް މޯލްޑިވް ގޭސްއިން ބުނެއެވެ.

މޯލްޑިވް ގޭސްއިން ބުނީ އޭސީސީގެ ނިންމުމާިއ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސަސްޕެންޝަން އުވާލައި، އަލުން އަނބުރާ ވަޒީފާ ރުޖޫޢުކޮށްފައިވާކަމަށެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ސަސްޕެންޑް ކޮށްފައިވަނީ ސަރުކާރުގެ "ޒީރޯ ޓޮލިރެންސް ޓުދަ ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ޤާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮންލައިން ޕޯޓަލްއަށް ހުށަހެޅެމުންދާ މައްސަލަތަކާއި ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

އޭނާއާއި ގުޅޭގޮތުން މަޤާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތަކާއި، މިނޫންވެސް ގިނަ ޝަކުވާތަކެއް އޮންލައިން ޕޯޓަލްއަށް ހުށަހެޅިފައިވާކަމަށް އޭރު ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޝަޒައިލް ޝިޔާމް ވަނީ މީގެކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމް އަދާކުރައްވާފައެވެ. މީގެ އިތުރުން ކޫއްޑޫ ފިޝަރީޒްގެ ޗެއަރމަންގެ މަޤާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރގެ އޭނާ އަދާކުރައްވާފައިވެއެވެ.