ސިޔާސީ

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ކުރިމަތިލުމަށް ސިވިސް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލް އިދާރާއަކަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން ކައުންސިލް އިދާރާގެ އިދާރީ އެންމެހާކަމެއް ބެލެހެއްޓުމާއެކު މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުވެސް އަދާކުރަންޖެހޭނީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާގޮތުން ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ މަޤާމުގެ ޝަރުތު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކުވެސް މަޤާމުގެ ޝަރުތު ހަމަވާނެއެވެ. އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ ކުރިމަތިލެވޭނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރު ދުވަހުގެ ތަޖުރިބާއާއެކުވެސް މަޤާމުގެ ޝަރުތު ހަމަވާނެއެވެ.

ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެވޭނީ ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރު ދުވަހުގެ ތަޖުރިބާއާއެކުވެސް މި މަޤާމަށް ކުރިމަތިލެވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަޤާމަށް މީހަކު އައްޔަނުކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާއްމުކުރައްވާފައެވެ. ރާއްޖޭގެ 178 ރަށު ކައުންސިލަކާއި، 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލް ހިމެނޭހެން މި މަޤާމަށް ޖުމްލަ 200 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯވިޑްގެ ޙާލަތާއިގުޅިގެން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، އެނޫންގޮތަކަށް މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.