ޚަބަރު

ކުނި ބޭރުކުރުމަށް މާލޭ ދެކުނު ފަރާތުން 4 ހެކްޓަރުގެ ބިން ހިއްކަނީ


މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން، މާލޭގެ ދެކުނު ފަރާތުން 4 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދަޢުލަތުގެ ބަޖެޓްގައި މި މަޝްރޫއަށް ވަނީ ފައިސާ ހިމަނުއްވާފައެވެ. އެއީ 53.5 މިލިއަން ރުފިޔާއެވެ. މާލޭގެ ދެކުނު ފަރާތުން ހަތަރު ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެ ސަރަޙައްދަކީ މާލޭގައި އުފެދޭ ކުނި ބޭރުކުރާ މައި ސަރަޙައްދުގެ ގޮތުގައި ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ މާލޭ ހުޅަނގު ދެކުނު ކަންމައްޗަށްވާ ކަޅުތުއްކަލާކޮއްޓާއި ދިމާއިންނެވެ.  "މިއީ ހިއްކާ ސަރަޙައްދަށް ބާޖު ކައިރި ކުރުމަށްފަހު ފަސޭހައިން ކުނި ބޭރުކުރެވޭ ގޮތަށް ފަރުމާކުރަމުންދާ މަޝްރޫއެއް. ހަތަރު ހެކްޓަރުގެ ބިން ހިއްކަނީ ކަޅުތުއްކަލާ ކޮށްޓާއި ދިމާލުން. އެގޮތުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދާ ދިމާލުގައި މިހާރު އޮތް ކަނޑުތޮށި ބޭރަށް ނެރުމަށްފަހު ފަސޭހައިން ބާޖު ކައިރި ކުރެވޭ ގޮތަށް ހިއްކާނީ" ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. ހިއްކާ ބިމަކީ ކުނި ބޭރުކުރާ ސަރަޙައްދެއް ނަމަވެސް، އިތުރު ހަތަރު ކަމަކަށްވެސް ބިން ބޭނުންކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ހައުސިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ހަމައެކަނި ކުންޏެއް ނޫން ބޭރު ކުރެވޭނީ. އިތުރު ހަތަރު ކަމެއް ކުރެވިގެންދާނެ ހިއްކާ ބިމުގައި. މީގެ ތެރޭގައި ސަރުކާރުން އަލަށް ފަށާ ރެޑީ މިކްސް މަޝްރޫއު ހިމެނޭ. އެެއީ މާލެތެރޭގައި ކުރެވޭ ސިމެންތީގެ މަސައްކަތްތައް މަދުވެގެންދާނެ ކަމެއް. ދެން ހެވީ ވެހިކަލްތައް ޕާކް ކުރުމަށްވެސް ސަރަޙައްދެއް ކަނޑައެޅޭނެ. ހަމަ އެއާއެކު އާންމުންގެ ސިއްޙަތަށް ގެއްލުން ލިބޭފަދަ ގޮތްތަކަށް ހުރި މެޓަލް ވޯކްޝޮޕް ފަދަ ތަންތަންވެސް އެ ސަރަޙައްދަށް ބަދަލު ކުރެވޭނެ. އަދި ޚާއްސަ މަސައްކަތެއްގެ ގޮތުން ބިމުގެ އަޑިއަށް ތެޔޮ ޓޭންކް ފެއްތުމަށްވެސް ޕްލޭން ކުރެވިފައި ވަނީ. " މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.ބިން ހިއްކުމަށް އަންނަ އަހަރު ބަޔަކާއި ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. ބިން ހިއްކުމުގެ ކުރިން މާލޭގެ ދެކުނު ފަރާތުން އިތުރު ނެރެއް ކަނޑަށް ޖެހޭތީ އެ މަސައްކަތް ކުރުމަށް މިހާރު ވަނީ އެމް.ޓީ.ސީ.ސީއާއި ހަވާލު ކުރައްވާފައެވެ.މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމުން ދެކުނު ފަރާތުގައި ނެރެއް ހަދަން ޖެހޭކަމަށާއި، އެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވިފައިވާކަމަށެެވެ. އަދި އާ ނެރު ކަނޑާނީ ސްޓެލްކޯއާއި ދިމާލުންކަމަށާއި އެއީ ސްޓެލްކޯއަށް ތެޔޮ ގެންދާ ފަރާތްތަކަށްވެސް ފަސޭހަވާނެތީކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. އަލަށް ހިއްކާ ބިމަކީ ސިނާޢީ މަސައްކަތްތަކެއް ކުރިއަށްގެންދާ ތަނެއް ނަމަވެސް އެ ސަރަޙައްދު ފެނިގެންދާނީ ފެހި ތަނެއްގެ ގޮތުގައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ. " ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފަރުމާ ކުރެވޭނީ. ބިޔަ ގަސްތައް އެ ސަރަޙައްދުގައި ހެއްދޭނެ. އަދި އަޅުގަނޑުމެން ރާވާފައިވަނީ އެއްމަގު ނުވަތަ ދެ މަގެއް އެ ސަރަޙައްދުގައި ހެދުމަށް. " މުޢިއްޒު ވިދާޅުވިއެވެ، މާލެއިން ކުނި ބޭރުކަރަމުންދާ އުޞޫލަކީ އާންމު ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި، އެހެންކަމުން މި މަޝްރޫއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޓަކައި އަންނަ އަހަރު ހިންގޭނެ އެންމެ ފައިދާ ބޮޑު މަޝްރޫއު ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. މާލެއިން މިވަގުތު ކުނި ބޭރުކުރަމުންދަނީ ފަޅުތެރޭގައި ދޯނިތައް ބަހައްޓައިގެންނާއި، އެމް.ޓީ.ސީ.ސީ ފެރީ ޓާމިނަލާ ދިމާލަށް ބާޖު ކައިރިކޮށްގެންނެވެ. މި އުޞޫލަކީ ގިނަ ބަޔަކަށް ދަތިވާ ކަންތައްތަކެއް ހުރި އުޞޫލެއް ކަމަށް ހައުސިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަޝްރޫއު ނިމުމުން، ކުނީގެ ސަބަބުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ދިމާވަމުންދިޔަ އުނދަގޫތަކަށް ނިމުމެއް އަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.