ޚަބަރު

މީހުން ބިނާކުރުމުގެ ޕްރޮގްރާމް ހިންގަދޭނެ ފަރާތްތައް ހޯދަނީ


ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަމިއްލަ އިންސްޓިޓިއުޝްތަކުގެ އެހީގައެވެ.

ސަރުކާރުން ފަށާފައިވާ "ސްކިލް ފޮރ ރިޒިލިއަންޓް ވަރކް ފޯސް" ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީއާއެކު މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ. ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 12 ކޯހެއް ހިންގުމަށް 5 ފަރާތަކާއެކު ދަނީ މަސައްކަތް ކުރިއަށެވެ.

ރާއްޖޭގަ ހުރި މުހިންމު ދާއިރާތަކަށް މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބުރެއް ފެށުމަށް ހަޔަރަ އެޑިއުކޭޝަން މިނިސްޓްރިއިން މިވަނީ އިޢުލާންކޮށްފައެވެ. އަދި ޕްރޮގްރާމްގެ ކޯސްތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށްވަނީ ހުޅުވާލާފައެވެ. މިފަހަރުގެ ބުރުގައި 3 ކޯހެއް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. އެއީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 2 ކޯހަކާއި، އިޖުތިމާޢީ ދާއިރާގެ ކޯހެކެވެ.

މީގެތެރޭގައި ހިމެނެނީ

  • ނޭޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން އައިޓީ ޓެކްނީޝަން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސުވަރޭޖްސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ކޯސްތަށް ހިންގުމުގެ ފުރުޞަތު ވީހާވެސް ގިނަ ޕްރައިވެޓް ޓްރޭނިން ޕްރޮވައިޑަރުންނަށް ލިބިގެންދިއުމަކީ މިނިސްޓްރީއިގެ އަމާޒުކަމަށެވެ. މިވަގުތު 12ފަރާތަކާ ހަވާލުކޮށްގެން 15 ކޯހެއް ހިންގަމުގެ މަސައްކަތް ކުރެއެވެ. އަދި 460 ދަރިވަރުންނަށް ތަމްރީންވުމުގެ ފުރުޞަތު ލިބެއެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގަ މުހިންމު ދާއިރާތަކާއި ދިވެހިން އިތުރުކުރަން ބޭނުންވާ ދާއިރާތަކުގެ ސަރވޭއެއްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ކުރިއަށްގެންގޮސްފައެވެ. 2019ވަނަ އަހަރު ކުރިއަށްގެންދިޔަ މި ސަރވޭއަށް ބަލާއިރު ރާއްޖެއަށް މީހުން ބިނާކުރުން މިވަގުތު އެންމެ މުހިންމު ދާއިރާތަކަކީ ޓުއަރިޒަމާއި ކޮންސްޓްރަކްޝަނާއި އައިސީޓީގެ ދާއިރާއެވެ. އަދި އިޖުތިމާޢީ އެކިއެކި ދާއިރާތަށްވެސް ހިމެނެއެވެ.