ކުޅިވަރު

ބީޖީ ބަލިކޮށް، ޓީސީ ވަގުތީގޮތުން އެއްވަނައަށް


ބީޖީ ބަލިކޮށް، އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ޓީސީ ޖެހިލައިފިއެވެ. ލީގުގައި މިއަދު ހަވީރު ބީޖީގެ މައްޗަށް ޓީސީ ކުރި ހޯދީ ހަތަރެއް އެކަކުންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި މެޗުގެ ފުރަތަމަ ގޯލް ޓީސީއަށް ޖަހައިދިނީ ނާއިޒް ހަސަނެވެ. ޓީސީގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ނާފިއުއެވެ. ޓީސީގެ ފަހު ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅު ޖަހައިދިނީ އަލީ ހާފިޒެވެ. ބީޖީގެ ހަމައެކަނި ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑެވެ.މެޗަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ލީގުގައި މިހާރު ގިނަ ޓީމްތަކަށް ވަރުބަލިކަން އިހްސާސްކުރަން ޖެހިފައިވާކަމަށާއި، އެހެންނަމަވެސް މިއަދުގެ މެޗުގައި ޓީސީގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ހައްގުކަމަށެވެ. މެޗުގައި ޓީސީގެ ފަރާތުން ވަރަށް ހިތްހަމަ ޖެހޭ ކުޅުމެއް ފެނުނުކަމަށާއި، އެންމެ ފަހުން ޓީސީ ކުޅުނު ތިން މެޗުގައިވެސް ޒުވާން ކުޅުންތެރިން ބަދަލްކުޅުންތެރިންގެ ގޮތުގައި އަރައި ދައްކަމުންދާކުޅުމަށް ސާބަސްދޭކަމަށެވެ. "މިއަދުގެ މެޗުގައި ޓީސީން ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ. ލީގުގައި ތިބި އެހެން ޓީމުތަކުގެ ކުޅުންތެރިން ވަރަށް ވަރުބަލިކޮށް އުޅެނީ. އެކަމަކު ޓީސީގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރި މިއަދު. އެކުޅުންތެރިންނަށް ތައުރީފް ހައްގު" ނިޒާމް ބުންޏެވެ.މިއަދުގެ މެޗުން ބަލިވި ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މެޗަށް ނިކުތީ މެޗުން މަދުވެގެން އެއް ޕޮއިންޓް ހޯދަންކަމަށާއި، މިއަދުގެ މެޗުގައި ޓީސީން ތަފާތު މޮޅަށް ކުޅުނު ކަމަށެވެ. ބޭނުންވި ގޮތަށް ބީޖީއަށް ނުކުޅެވުނު ކަމަށާއި، ޓީސީއަށް މި މެޗުން މޮޅުވުން ހައްގުކަމަށްވެސް ޝާޒްލީ ފާހަގަކުރިއެވެ."މިއަދުގެ މެޗަށް ނިކުތީ މަދުވެގެން އެއް ޕޮއިންޓް ހޯދަން. މިއަދުގެ މެޗުގައި ޓީސީން މާ މޮޅަށް ކުޅުނު. އެޓީމަށް މޮޅުވުން ހައްގު" ނިޒާމް ބުންޏެވެ.މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޓީސީވަނީ ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެހެންނަމަވެސް މިރޭ ލީގުގައި ނިއުރޭޑިއަންޓާއި ވިކްޓްރީ ވާދަކުރާ މެޗުން ނިއުރޭޑިއަންޓް މޮޅުވެއްޖެނަމަ އެޓީމަށް އަލުން ތާވަލްގެ އެއްވަނަ މަގާމް ލިބޭނެއެވެ.