ވިޔަފާރި

އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތައް ފާސްކޮށްފައިވަނީ އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ފަހިވޯޓު މެދުވެރިކޮށް ބޭއްވި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 30 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އަދި ޕޮރޮކްސީ މެދުވެރިކޮށް 7 ހިއްސާދާރުން ވަނީ ތަމްސީލްކޮށްފައެވެ.

އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ހިއްސާދާރުންގެ ވޯޓުން ވަނީ ފާސްވެފައެވެ.

މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރާއި އާންމު ހިއްސާދާރުން ތަމްސީލްކުރާ ފަރާތްތައް ވަނީ ހޮވާފައެވެ. ސަރުކާރުގެ ފަރާތުން ތަމްސީލްކުރާ ޑިރެކްޓަރުން:
1. މުޙައްމަދު ފަހީމް (ޗެއަރޕަރސަން، ނޮން-އެގްޒެކްޓިވް ޑިރެކްޓަރ)
2. އާދަމް އާޒިމް (ސީއީއޯ، އެގްޒެކްޓިވް ޑިރެކްޓަރ)
3. ޝާހިދު ހުސައިން މޫސާ (ސީއޯއޯ، އެގްޒެކްޓިވް ޑިރެކްޓަރ)
4. ސިނާން އަލީ (ނޮން-އެގްޒެކްޓިވް ޑިރެކްޓަރ)
5. މުޙައްމަދު ފަރީދު (ނޮން-އެގްޒެކްޓިވް ޑިރެކްޓަރ)

އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުން:
1. މުޙައްމަދު އިމްރާން ޢަދުނާން (ނޮން-އެގްޒެކްޓިވް ޑިރެކްޓަރ)
2. ނަޞްރަތު މުޙައްމަދު (ނޮން-އެގްޒެކްޓިވް ޑިރެކްޓަރ)

އަހަރީ އާންމު ޖަލްސާގައި 2021 ވަނަ އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއްވެސް ހިއްސާދާރުން ވަނީ ހޮވާފައެވެ. ކުންފުނީގެ އޮޑިޓަރަކަށް ހޮވާފައިވަނީ ޕްރައިސްވޯޓަރ ހައުސްކޫޕާސް އެވެ.

2020 ވަނަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރު ލިބުނު ސާފު ފައިދާއަށްވުރެ 258 ޕަސެންޓު އިތުރު އަދަދެކެވެ.