ޚަބަރު

ނަފްރަތު އުފެއްދުން ހުއްޓުވުމަށް ހުށަހެޅި ބިލުގެ މައްސަލާގައި އަދާލަތުން ރައީސްގެ އަރިހަށް


ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމަށް، ޤާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލާމެދު ދީނީ ޢިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާ ޙިއްސާ ކުރައްވައިފިއެވެ.

އަދާލަތު ޕާޓީގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި، މި ބިލް ޤާނޫނަކަށް ވެގެން އަންނައިރު ދީނީ ޢިލްމުވެރިންނާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަދާލަތު ޕާޓީންވަނީ ތަފްސީލުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި މި ބިލާ މެދު ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަމަށް އަދާލަތު ޕާޓީން މަޢުލޫމާތުދެއެވެ.

މިބިލަކީ ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ ޢަމަލު ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް ހުށައެޅި އިޞްލާޙުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބިލާއި މެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

ރައީސްއޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިންއާއި ޑރ.މުޙައްމަދު އިޔާޒު އިތުރުން އަދާލަތު ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑަޑައިގެންނެވިއެވެ.