ޚަބަރު

މަތީ ތަޢުލީމަށް ކިޔެވުމަށް 449 ދަރިވަރަކަށް ލޯނު ދޫކޮށްފި


ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު 449 ދަރިވަރުންނަށް ދީފިއެވެ. ލޯން ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިޢުލާން ކޮށްފައި މިވަނީ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ފަހުގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އެކުލަވާލި ވަގުތީ ލިސްޓްގައި ލޯނު ލިބިފައިވަނީ 417 ދަރިވަރަކަށެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ފައިނަލް ލިސްޓްގައި ވަނީ 449 ދަރިވަރުންނަށް ލޯން ދީފައެވެ. ލޯނު ލިބުނު ދަރިވަރުންގެ ފައިނަލް ލިސްޓް އެކުލަވާލާ އާއްމުކޮށް ނެރުނު ނޫސްބަޔާނުގައި ވަނީ ލޯނު ލިބުނު ދަރިވަރުންގެ "ލޯން އެވޯރޑް ނޮޓިފިކޭޝަން" މިމަހުގެ 24 ވަނަ ދުވަހު ދަރިވަރުންނަށް އީމެއިލް ކުރާނެކަމަށެވެ.

ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ރާއްޖެއާއި ރާޢްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްގެން މިއަހަރު ލޯނަށް އެދުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. މިއީ މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. އެގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމުގައި 770 ފުރުޞަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކުރި 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކުރި 290 ޖާގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ލޯނުގެ އެހީގައި ކިޔެވުން ފެށުމަށް 18 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމިއެވެ. ކުރިން ލޯނު ލިބޭތާ 12 މަސްދުވަހުގެ ތެރޭ ކިޔެވުން ފަށަންޖެހޭ ގޮތަށް އޮތްނަމަވެސް މިއަހަރު މިކަމަށް ބަދަލު ގެނެސްފައިވަނީ ކޯވިޑްގެ ސަބަބުންނެވެ. މިއަހަރު ލޯން ސްކީމަށް ކަނޑައެޅީ 137 މިލިޔަން ރުފިޔާއެވެ.

މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވާ ކުދިންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ލޯނުގެ ދަށުން ފައިސާ ދޫކުރަން ނިންމިއެވެ. އެގޮތުން އަލަށް ކިޔަވަން ފަށާ ކުދިންނަށް 45 ޖާގަ އަދި މިހާރު ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް އެދެން ބޭނުން ދަރިވަރުންނަށް 105 ޖާގަ ހަމަޖެއްސިއެވެ. އަލަށް ފަށާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލީ 12 ކުދިންނެވެ. އަދި މިހާރު ކިޔަވާ ކުދިންނަށް ޚާއްސަ ކުރި ޖާގަތަކަށް ކުރިމަތިލީ 15 ދަރިވަރުންނެވެ.

ކޯވިޑް 19ގެ ސަބަބުން ކުރިމަތިވެފައިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ ސަބަބުން މިއަހަރު ލޯނުގެ އިތުރު ބުރެއް ހުޅުވާލެވޭނެ ކަމަށް ނުބެލެވޭކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން މިހާރު ވަނީ ލޯން ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުން ގެ ލޯން ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދެއްވާފައެވެ.