ޚަބަރު

ކޮންމެ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅާކަށް ނުޖެހޭ: ޝަމީމް


ހައި ކޯޓަށް ނުވަތަ ސުޕްރީމް ކޯޓުން ނިންމާ ކޮންމެ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅަންޖެހޭކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މަޤާމާ ހަވާލުވުމުގެ ކުރިން ޕީޖީ އޮފީހުގައި އޮންނަ ގޮތަކީ ޕީޖީ އޮފީހުން ހިތްހަމަޖެހިވަޑައިނުގަންނަވާ ގޮތަކަށް ކޯޓަކުން މައްސަލައެއް ނިންމަވައި ކޮންމެ ފަހަރަކުވެސް އިސްތިއުނާފަށް އެ މައްސަލަ ހުށަހެޅުންކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަފަހަރު ކޮންމެހެން އިސްތިއުނާފަށް ހުށަހަޅަން ނުޖެހޭ ކުދި ކުދި މައްސަލަތައްވެސް ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅިފައިވާކަން ޝަމީމް ވިދާޅުވެއެވެ.

ޝަމީމް ވިދާޅުވީ އެމަނިކުފާނު މަޤާމާއި ހަވާލުވުމަށްފަހު އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މުއާލާތް ކެނޑިފައި ހުރި މައްސަލަތައް ނުވަތަ މާ ބޮޑު މަސްލަހަތެއް ނެތް މައްސަލަތައް އަނބުރާ ގެނެސްފައިވާކަމަށެވެ.

"އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ މިސާލަކަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ގްރާމް ހަމަވޭތޯ ނުވަތަ ނޫންތޯ ބެލި ބެލުމުގައި ދިމާވި ކަމަކާއި ގުޅިގެން އަޅުގަނޑުމެން ހައި ކޯޓްގައި އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެކަމަކަށް. އިސްތިއުނާފަށް އަޅުގަނޑުމެން ދާން ޖެހޭނީ ޕަބްލިކް އިންޓްރެސްޓް އޮންނަ ކަމެއްގަ ނުވަތަ ޤާނޫނު މާނަކުރި ގޮތަކާ ބެހޭގޮތުން ސުވާލެއް އުފެދިއްޖިޔާ އަޅުގަނޑުމެން ހައި ކޯޓަށް އަދި ސުޕްރީމް ކޯޓަށްވެސް ދާން ޖެހޭނެ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޤަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށް، އަދި މައްސަލަތައް ނިންމާ ކޯޓަށް ފޮނުވުމުގައި އަމަލު ކުރަންޖެހޭނެ މެނުއަލްއަކާއި އެސް.އޯ.ޕީތަކެއް އެކުލަވާލާފައިވާކަމަށެވެ. އަދި މިއީ ހަރުދަނާ ގޮތެއްގައި ނިޒާމް ހިންގުމަށް މުހިއްމު ކަންތައްތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މަސައްކަތް ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާއެކު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ނަތީޖާ ކުރިއަށް ވުރެ ރަނގަޅުވެއްޖެކަމަށެވެ.