ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް ދާން ބޭނުންވާ 143 މީހުން


ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް ދާން ބޭނުން 143 މީހުން އެބަތިބިކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދާން ބޭނުންވާ މީހުންގެ ޢަދަދުކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ޕެންޝަން ފަންޑުން ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމުން ފަންޑުގައި ފައިސާ ހުރި މިންވަރު ބަލާދޭނެކަމަށެވެ. އަދި ޕެންޝަން ފަންޑުގައި ޙައްޖަށް ދެވޭ ވަރަށް ފައިސާ ހުރިކަމަށްވާނަމަ ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ލިސްޓަށް އަރާނެކަމަށެވެ. އަދި މިއަހަރު މީހުން ޙައްޖަށް ގެންދިޔުމަށް އެ ކޯޕަރޭޝަނުން އުލަވާލި ލިސްޓުގައިވެސް 13 ފަރާތެއް ހިމެނޭކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ސައުދީ ޢަރަބިއްޔާއިން މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރުމަށް ބޭރު ޤައުމުތަކަށް ފުރުޞަތު ނޫދޭން ނިންމުމާ ގުޅިގެން ހައްޖަށް ދާން މިއަހަރު ޖާގަ ދިން ފަރާތްތަކަށް، އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. މިގޮތުން މިހާތަނަށް 6000 އަށްވުރެ ގިނަ މީހުން ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް ޝަރުތު ހަމަވެއެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން ތިންސަތޭކަ ތިރީސް ހަހާސް ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި ފައިސާގެ އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމުވެސް ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެންނަށް ފައިސާ ދޫކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންނެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.