ވިޔަފާރި

"ހޯމް ސްޓޭ" ފަތުރުވެރިކަމުން ރާއްޖެއަށް ފައިދާވާނެ: މައުސޫމް


ހަރުދަނާ ޤަވާއިދުތަކަކާއެކު "ހޯމް ސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކުރެވިދާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހޯމްސްޓޭ ފަތުރުވެރިކަން ފަށަން މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ބުނެ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއިއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބު ކަމާއި އެކު ހިންގާ އެއް މޮޑެލްއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހޯމްސްޓޭ ޓުއަރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓުއަރިޒަމެއްކަމުގައިވާއިރު، ހޯމްސްޓޭ ޓުއަރިޒަމް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމުގައެވެ. ނަމަވެސް، ހޯމްސްޓޭ ތަޢާރަފްކުރަން މިހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން މުޙިއްމުކަމުގައި އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެލޭޝިއާ ފަދަ މުސްލިމް ޤައުމުތަކުގައިވެސް "ހޯމް ސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާ ވާނެއެވެ. އެގޮތުން ސަފާރީ ރިސޯޓު އަދި ގެސްޓު ހައުސްތަކަށް އަދި ރައްޔިތުންނަށްވެސް މިކަމުގެ ފައިދާ ވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރުމަށް މުހިންމީ ހަރުދަނާ ތަންފީޒު ކުރެވޭނެ ފަދަ ޤަވާއިދުތަކެއް ކަމަށް، މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ހޯމް ސްޓޭއި ފަތުރުވެރިކަން ތަޢާރަފް ކުރެވިދާނެކަމަށް މިނިސްޓަރ ފާހަގަ ކުރައްވާފައިވާއިރު، ތަފާތު އެކި ބާވައްތަކުގެ ޓުއަރިޒަމް ތަޢާރަފުކޮށް ނަފާ ހޯދުމަށް ގިނަ މަސައްކަތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އެމްއެމްޕީއާރްސީން ރާއްޖެ އެކި ޕްލެޓްފޯމްތަކުގައި ޕްރޮމޯޓުކޮށް ކުރުމުގެ މަސައްކަތް ކުރަމުން ދެއެވެ.

ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.