ވިޔަފާރި

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑު ކުރުމަށް ކޮންސަލްޓެންސީއަށް ހުޅުވަނީ


މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑު ކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އެ އެއަރޕޯޓު ހިންގާ އައިލެންޑް އެވިއޭޝަނުން އިއުލާން ކޮށްފިއެވެ.

މާފަރު އެއަރޕޯޓު ޓާމިނަލް ބޮޑު ކުރުމަށް އައިލެންޑް އެވިއޭޝަނުން ހުޅުވާލާފައިވާއިރު، އެކަމަށް އެދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެ 3:00 ގެ ކުރިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން އެންގުމަށް އައިލެންޑް އެވިއޭޝަނުން ވަނީ އިއުލާން ކޮށްފައެވެ.

އައިލެންޑް އެވިއޭޝަނުން ބުނީ މިކަމަށް އެދި ޝައުޤުވެރިކަން ފާޅު ކުރާ ފަރާތްތަކަށް މިޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންލައިންކޮށް ބާއްވާނެ ކަމަށެވެ.

މާފަރު އެއަރޕޯޓު ޓާމިނަލް ބޮޑު ކުރުމަށް ނިންމާފައިވާއިރު އެ އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރުމަށްވެސް ނިންމާފައިވާ ކަމަށް އެއަރޕޯޓުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މިވަގުތު 3.6 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ މާފަރު އެއަރޕޯޓަށް ވައިޑް ބޮޑީ އެއަރކްރާފް ޖެއްސޭ ފެންވަރަށް ރަންވޭ ތަރައްޤީ ކުރަން ނިންމާފައިވާކަން އައިލެންޑް އެވިއޭޝަނުން ވަނީ ހާމަކޮށްފައެވެ. އެއާއި އެކު އީސްޓަން ޔޫރަޕުން ފްލައިޓުތައް ގެނައުމަށް އަމާޒު ހިފާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މާފަރު އެއަރޕޯޓަކީ މިހާރު ބޮއިން 737 އަދި އެއަރބަސް އޭ320 ޖެއްސޭ ފެންވަރަށް ތަރައްޤީ ކޮށްފައިވާ އެއަރޕޯޓެކެވެ.