ޚަބަރު

މާފުށީ ޖަލުގެ ނެޓްވޯކް ކަނޑާލަން ޖޭމަރުތައް ހަރުކުރަނީ

ޖަލަށް މޮބައިލް ފޯނު ވައްދައިގެން ޤައިދީން ހިންގާ އަމަލުތައް ހުއްޓުވުމުމުގެ ގޮތުން ޖަލުގެ މޮބައިލް ނެޓްވޯކް ކަނޑާލުމަށް އަންނަ އަހަރު ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޖަލުތަކުގެ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޖަލަށް ސްމާޓް ފޯނު ވެއްދުން އިތުރުވެފައިވާތީ މޯބައިލް ނެޓްވޯކް ޑައުންގްރޭޑް ކުރުމަށްޓަކައި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއެކު މަޝްވަރާ ފަށާފައިވާކަމަށެވެ.

ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓަމުންދާ އެންމެ ބޮޑު ޖަލު ހުންނަ މާލެ އަތޮޅު މާފުއްޓަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވުމުން އެތަނަށް މިހާރު ދޫކޮށްފައިވަނީ ހައިރޭންޖްގެ ނެޓުވޯކެއްކަމަށާއި، އޭގެ ނާޖާއިޒު ފައިދާ ޖަލުގައިތިބޭ
ބައެއް ޤައިދީން ނަގަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މިއާއެކު ކުރިއެކޭ އެއްގޮތަށް ޖަލުގެ ނެޓްވޯކް ޑައުންގްރޭޑް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަނެއްކާވެސް ޖަލު ހިމެނޭ ސަރަޙައްދުގައި ޖޭމަރުތައް ބެހެއްޓުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެ މަސައްކަތަކީ ފައިސާވެސް ބޭނުންވާކަމަކަށްވުމުން، ބޭނުންވާ ބަޖެޓާއި ކަންކުރެވެން ހުރި ގޮތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

"ޓެކްނޯލޮޖީގެ މި ޒަމާނުގައި އަޅުގަނޑުމެންނަށް އެބަފެނޭ ތަފާތު ބާވަތްތަކުގެ ޖޭމަރު ދުނިޔޭގެ ޤައުމުތަކުގެ ޖަލުތަކުގައި އެބަހުރި ހަރުކޮށްފައި. ނަމަވެސް ރާއްޖޭގެ ކޮންޓެކްސްޓުގައި ޖަލު އޮޕަރޭޓްކުރާ ތަންތަނުގައި ބޭނުންކުރަން އެންމެ ރަނގަޅުވާނީ ކޮންކޮން އާލާތްތަކެއްތޯ މިދަނީ ދިރާސާކުރަމުން އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި އެކަންކަން އިމްޕްލިމެންޓް ކުރެވޭނެ" ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޖަލުގައި ޖޭމަރުތައް ބޭނުންކޮށްފައިވާކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އޭރު ބޭނުންކުރި ޖޭމަރުތައް ޖަލުގައި ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން ޖޭމަރުތައް އޭރު ހުރީ ޖަލުގެ ވަށާފާރުގެ މަތީގައިކަމަށާއި އެތަނަކީ މޫދާއި ކައިރިތަނަކަށްވުމުން ގިނަ އެއްޗެތި ދަބަރުޖަހައި ހަލާކުވެފައިވާކަމަށެވެ.

ނަމަވެސް ދެން ހަރުކުރާނީ ރާއްޖޭގެ މާހައުލާވެސް ގުޅޭ، އަދި ފަސޭހައިން ހަލާކުނުވާ ފަދަ ޖޭމަރުތަކެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ޖަލަށް އެކިގޮތްގޮތުން މޮބަލް ފޯނު ވައްދާ މައްސަލަ އެކި ދުވަސްމަތިން ފާހަގަވެފައިވާއިރު، މިހާރުވެސް މަދުންނަމަވެސް ޖަލުގެ ފާރުމަތިންނާއި، ޖަލުގެ ބައެއް އޮފިސަރުންގެ އިތުރުން ޤައިދީންނަށް ޒިޔާރަތްތްކުރާ މީހުންވެސް އެކިގޮތްގޮތުން މޮބައިލްފޯންތައް ވައްދާފައިވާކަން ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރެއެވެ.

މިކަންކަން ހުއްޓުވަމަށް އެކު ދުވަސްތަކުގެ މަތިން ޖަލުތަކުގެ ގޮޅިތައް ބަލާފާސްކޮަށް އެތަކެތި އަތުލައިގަންނަމުންދާއިރު، ދާދިފަހުން ރައީސް ނަޝީދު އަވަހާރަކޮއްލަން ދިން ބޮމުގެ ހަމާލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ޖަލުތަކުގައިވެސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެންވަނީ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

ސަލަމަތީ ބާރުތަކުން މާފުށި ޖަލާއި މާލެ ޖަލުގައި ހިންގި އެ އޮޕަރޭޝަނުގައި 40 އަށްވުރެ ގިނަ ފޯނު ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެއީ ޖަލުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި އޮަޕޭޝަންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުމާއި އެކީގައި ހިނގާފައިވާ ކަމެއްކަމަށް ބެލެވިގެން ތަޙުޤީގުކުރިއަަށްގެންދާއިރު، ޖަލަށް ފޯނު ވައްދައިގެން އެފަދަ އަމަލުތައް ހިންގާކަމުގެ ތުހުމަތުކުރެވޭ މީހުން ޖަލުގައި ތިބެގެން ބައެއް ޤައިދީންކުރާކަން ކަށަވަރުކުރުމަށްކަމަށް. މި އޮޕަރޭޝަނަކީ މިހާތަނަށް މާފުށީ ޖަލުގައި މިފަދަ ލެވަލްއެއްގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން" ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ޖަލުތަކަށް ފޯނު ވައްދައިގެން ހިންގާ އަމަަލުތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު، ޖަލުތަލުތަކުގެ ޖާގަ އިތުރުކުރުމަށް މިހާރު ޖަލުތައް ހިންގާ ތަންތަނުގައި ޖާގަތައް އިތުރުކުރުމާއި އައު ޖަލެއް އެޅުމުގެ މަސައްކަތްވެސް ކުރާނެކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.

އަދި މާލެ ސަރަހައްދުގައި ދެ ޖަލުގެ ބަދަލުގައި އެއްޖަލު އޮޕަރޭޓުކުރުމައްޓަކައި ހުޅުމާލެއަށް ޖަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވިއެވެ.