ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 641 މީހުން ވެކްސިން ފުރިހަމަކޮށްފި


ކޯވިޑް-19ގެ ވެކްސިން އިތުރު 641 މީހުން ފުރިހަމަކޮށްފިއެވެ. މިއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު ވަނީ 181،759އަށް އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ބުރާސްފަތި ދުވަހު ވެކްސިން ފުރިހަމަކުރި 641 މީހުންނާއެކު ޖުމްލަ 181،759 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 301 މީހުންނާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 340 މީހެކެވެ.

ބުރާސްފަތިދުވަހު ވެކްސިންޖެހި 148 މީހުންނާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 314،903އަށް އަރާފައެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 70 މީހަކާއި އަތޮޅުތަކުން ވެކްސިންޖެހި 78 މީހެކެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އާދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.